16 Sep 2010, 06:58
ގަދަކަމުން ކުޑަ ކުއްޖަކާ މެދު ބަދު އަހުލާގީ އަމަލު ހިންގާފައިވާ ކަމުގެ ދައުވާއެއް ގާނޫނީ ވަކީލެއްގެ މައްޗަށް އުފުލާފައި ވާތީ އެ ގާނޫނީ ވަކީލު ސަސްޕެންޑްކޮށްފި އެވެ.
ޖިނާއީ ކޯޓުން ސަސްޕެންޑްކުރި ގާނޫނީ ވަކީލަކީ ގ. މޮންޓްރީލް އަލީޒާހިރެވެ.
ޖިނާއީ ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދަށް ވަނީ މި ސަސްޕެންޝަނާ ބެހޭ ސިޓީއެއް އިއްޔެ ފޮނުއްވާފަ އެވެ. އެ ސިޓީގައި ބުނަނީ ކުޑަކުއްޖަކާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއް ވަކީލު އަލީ ޒާހިރުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅުއްވައި ދައުވާ ކުރައްވާފައިވާ ކަމަށެވެ. ސިޓީގައި އަދި ބުނެފައި ވަނީ މި ދައުވާ އަލީ ޒާހިރުގެ މައްޗަށް އުފުލާފައިވުމުން މި މައްސަލަ ވަކި ގޮތަކަށް ކޯޓުން ނިމެންދެން ގާނޫނީ ވަކީލެއްގެ ގޮތުގައި ޒާހިރު ޖިނާއީ ކޯޓަށް ބަލައި ނުގަންނާނެ ކަމަށެވެ.