01 Nov 2012, 10:12
އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ބާރުގަދަ ތޫފާން، "ނީލަމް"ގެ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެއަށްކޮށް، ރާއްޖޭގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ބަލަން ނިންމައިފި އެވެ.
ރޭ ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބެލުމަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަބޯ) އެވެ. މައްސަލަ ހުށަހެޅުއްވަމުން އަބްދުލްޣަފޫރު ވިދާޅުވީ ވިއްސާރައާ ގުޅިގެން ރަށްތަކަށް ލިބިފައިވާ ގެއްލުންތަކާއި ވިއްސާރައާ ގުޅިގެން ބަލިމަޑުކަމެއް ފެތުރިދާނެތީ އަޅަމުންދާ ފިޔަވަޅުތައް ބެލުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރާއި ކޮމެޓީ އަށް ހާޒިރު ކުރެއްވުމަށް ހުށަހެޅުއްވި އެވެ. އަދި ވިއްސަރައާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ބެއްލެވުމަށް ޓަކައި ރާއްޖޭގެ އުތުރަށާއި ދެކުނަށް އައްޔަން ކުރެއްވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް އާއި ރައީސުލްޖުމްހޫރީގެ އޮފީހުގެ އެޑެވައިޒަރު އިބްރާހިމް މޫސާ ލުތުފީ (ސަންދާނު ލުތުފީ) ކޮމެޓީ އަށް ހާޒިރު ކުރުމަށް ހުށަހެޅުއްވި އެވެ.
ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ވިއްސާރައާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅު ބެލުމަށްޓަކައި ކޮމެޓީއަށް ހާޒިރުކުރަން ޖެހޭ ފަރާތްތައް ވަރަށް އަވަހަށް ކޮމެޓީ އަށް ހާޒިރު ކުރައްވާނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި 24 ރަށަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވާ ހއ. ހޯރަފުއްޓަށާއި ލ. ގަން ތުނޑީ އަވަށާއި ހއ. ހަނިމާދޫއަށެވެ. ވިއްސާރައިގައި ހާލުގައި ޖެހުނު 600 އާއިލާ އަށް 90 ބަސްތާގެ ހަނޑުލާއި ހަކުރު އަދި ފުށް ފޮނުވާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން ބުންޏެވެ.
ވިއްސާރައާ ގުޅިގެން ގެއްލުންވި ރަށްތަކުގައި ނަޖިސް ވަޅުގަނޑުތައް ބަންޑުންވެ، ރަށްތަކުގައި އުފެދިފައިވާ ފެންގަނޑު ތައައްޔަރުވެފައި ވާތީ އުފެދިދާނެ ބަލިމަޑުކަމަކަށް ޓަކައި ކަމާ ބެހޭ އިދާރާތައް ވަނީ ތައްޔާރީ ހާލަތުގަ އެވެ.