01 Nov 2012, 10:09
ސްޕެނިޝް ލަލީގާގެ އެއްވަނާގައި އޮތް ބާސެލޯނާއަކީ ހަމައެކަނި ހުނަރު ހުރި ޓީމެއް ނޫން ކަމަށް އެކުލަބުގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ފެބްރިގާސް ކުރީގެ ކްލަބު އާސެނަލް ދޫކޮށްލީ 2011 ވަނަ އަހަރު އެވެ. މިހާރު ފެބްރިގާސް ވެފައި ވަނީ ބާސާ ޓީމްގެ މުހިންމު ކުޅުންތެރިއަކަށެވެ. އާސެނަލް ދޫކޮށް ބާސާއާ ފެބްރިގާސް ގުޅުނީ ކާމިޔާބީ ހޯދުމުގެ ނިޔަތުގައި ކަމަށް ފެބްރިގާސް ބުނަމުންދެ އެވެ.
"ބާސާއަކީ ވަރަށް ވާދަވެރި ޓީމެއް. މި ޓީމަކީ ހަމައެކަނި ހުނަރު ހުރި ޓީމެއް ނޫން. އަހަރެމެން ބޭނުން ވަނީ ކޮންމެ މެޗެއްގައި މޮޅު ކުޅުމެއް ދައްކާ މޮޅުވާން. އަހަރެން އާސެނަލްގައި ހުރި އިރު ވެސް ވިސްނީ އެކަމަށް. ބާސާއާ އެކު ދަނޑު މައްޗަށް އެރުމަކީ އަހަރެން އަބަދުވެސް އެދެމުން ދިޔަ ކަމެއް." ފެބްރިގާސް ބުންޏެވެ.
ކްޕާ ޑެލްރޭ ގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އަލަވެސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ބާސާއަށް މޮޅު ކުޅުމެއް ދައްކާ ފެބްރިގާސް ލަނޑެއް ވެސް ކާމިޔާބުކޮށްދީފައިވެ އެވެ.