01 Nov 2012, 10:07
ފްރާންސްގެ ވަރުގަދަ ކްލަބު އަދި މުއްސަނދި ކްލަބު ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ޒްލަޓަން އިބްރަހިމޮވިޗް އަށް ބަރޯސާނުވާ ކަމަށް އެކުލަބުގެ ކޯޗް ކާލޯ އެންޗޮލެޓީ ބުނެފި އެވެ.
މިސީޒަނުގައި އޭސީ މިލާނުން ޕީއެސްޖީ އަށް ގެނައި ސްވިޑަންގެ ފޯވާޑް އިބްރަހިމޮވިޗް ވަނީ އެކުލަބަށް މޮޅު ކުޅުމެއް ދައްކާ ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްދީފަ އެވެ. ޕީއެސްޖީގެ އެންމެ އުންމީދީ ފޯވާޑް އިބްރަހިމޮޗް ވަނީ ފްރާންސް ލީގުގައި އެޓީމް ކުޅުނު ނުވަ މެޗުން ދިހަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
"އަހަރެމެން އިބްރަހިމޮވިޗްއަށް ބަރޯސާއެއް ނުވަން. އަހަރެމެން ކުލަބަށް އިބްރަހިމޮވިޗް ގެނައީ އޭނާގެ ކިބާގައި ގިނަ ފެންވަރުތަކެއް ހުރުމުގެ ސަބަބުން. އޭނާ ދަނީ ގިނަ ލަނޑުތަކެއް ކާމިޔާބުކުރަމުން. ކޮންމެ ފަހަރު އިބްރަހިމޮވިޗް ލަނޑެއް ކާމިޔާބުކުރާ އިރު އޭނާ އަށާއި ޓީމަށް ބޮޑު ފައިދާއެއްވޭ." އެންޗޮލެޓީ ބުންޏެވެ.
މިވަގުތު ޕީއެސްޖީ އޮތީ ފައިދާ ތިން ޕޮއިންޓާ އެކު ފްރާންސް ލީގުގެ އެއްވަނާގަ އެވެ. ދެވަނާގައި އޮތް ޓޫލޫސޭ އަދި ތިންވަނާގައި އޮތް މާސޭ އަށް ލިބިފައި ވަނީ ނަވާރަ ޕޮއިންޓެވެ. އަދި ހަތަރުވަނާގައި އޮތް ލިޔޯންއަށް ލިބިފައި ވަނީ އަށާރަ ޕޮއިންޓެވެ.