01 Nov 2012, 09:54
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާ އިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 6.9 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
މިދިޔަ މަހު ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި މިންވަރު އިތުރުވި ނަމަވެސް ޒަމާންވީ މާކެޓްތައް ކަމަށްވާ ޔޫރަޕުން ރާއްޖެ އަންނަ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ މަހަކީ އޮފް ސީޒަނަށްވުމާ އެކު ޔޫރަޕުން ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު ވަނީ 3.2 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އެގޮތުން ބަލާއިރު އިނގިރޭސި ވިލާތުގެ މާކެޓް ވެސް ވަނީ 20.1 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. ރަޝިޔާ އިން އައި ޓޫރިސްޓުންގެ އަދަދު ވެސް 7.0 ޕަސެންޓަށްވީ ދަށެވެ. އަދި އިޓަލީން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 20.8 ޕަސެންޓް ވެއްޓުނެވެ.
ޒަމާންވީ މާކެޓުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވި ނަމަވެސް ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދިޔައީ އިތުރުވެގެން އެވެ. މިދިޔަ މަހު ވެސް ޗައިނާ އިން ރާއްޖެ އަށް 25178 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު އެއީ 25.2 ޕަސެންޓުންގެ ކުރިއެރުމެކެވެ. އެހެންކަމުން މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ޗައިނާއިން ނެވެ.
މިދިޔަ މަހު އެކަނިވެސް ރާއްޖެ އަށް ވަނީ 76806 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މި އަހަރުގެ މިހާތަހަނަށް 691608 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ލަނޑުދަޑިއަކީ މި އަހަރު ނިމޭއިރު އެއްމިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރޭ އަހަރު ކަމުން މިއަހަރު ފާހަގަކުރުމުގެ ގޮތުން ތަފާތް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.