"ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރަނީ ވެސް އަހަރެމެންނެވެ. ހިއުމަންރައިޓްސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރަނީ ވެސް އަހަރެމެންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން އައްޔަން ކުރަނީ ވެސް އަހަރެމެން. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މެންބަރުން އައްޔަން ކުރަނީ ވެސް އަހަރެމެން. މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ހުރިހާ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރަނީ އަހަރެމެން. ގާނޫނު ހަދަނީ ވެސް އަހަރެމެން. އެހެންވީމާ އެ އެއްޗެއް އުފައްދާ މީހުން އެ އެއްޗަކަށް ވުރެ ބާރުގަދަ ވާން ޖެހޭނެ. މަތިވެރިވާންޖެހޭނެ،" މިއީ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަ އެވެ. އެކަމަކު އެމީހުން ވެސް ކުށެއް ކޮށްފިއްޔާ ކުށަކަށް ވާންނުޖެހޭނެ ހެއްޔެވެ؟ އަދަބު ލިބެން ނުޖެހޭނެ ހެއްޔެވެ؟ އެ ބުނާ މުއައްސަސާތަކުން އެމީހުންގެ މައްސަލަތައް ބެލެން ނުޖެހޭނެ ހެއްޔެވެ؟

މި އަހަރަށް މަޖިލީސް ހުޅުވުމަށް މާޗް މަހުގެ އެއްވަނަ ދުވަހު ބާއްވަން އުޅުނު ޖަލްސާ ނުބޭއްވުނީ މަޖިލީހުގެ މެންބަރުން ޗެމްބަރުގެ ތެރޭގައި ނުރުހުން ފާޅުކޮށް ހަމަނުޖެހުން ހިންގާ އަޑުގަދަކުރުމުންނެވެ. އެ ދުވަހު މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ މުދަލަށް ވަނީ ގެއްލުންދީފަ އެވެ. އަދި އޭގެ 18 ދުވަސް ފަހުން ދެވަނަ ފަހަރަށް މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކުރިއާ ހިލާފަށް މަޖިލީހުގެ ތަޅުމުގައި ވަރަށް ބޮޑަށް ހާޖާނު ހަދައި މަޖިލީހުގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ވަރަށް ބޮޑެތި ގެއްލުން ދީފަ އެވެ.

މަޖީލީހުގެ ބައެއް މެންބަރުން ފާޅުގައި މަޖިލީހުގެ ތަކެއްޗަށްދިން ގެއްލުމަށް ފަހު ދެން މަޖިލީހުގެ ޖަލްސާތައް ފަށާފައި ވަނީ އެތަކެއް ޚަރަދުތަކެއްކޮށް މަޖިލީހުގެ މެންބަރުން ހަލާކު ކުރި ތަކެތި މަރާމާތު ކޮށްގެނެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެ މައްސަލަތައް ތަހުގީގު ކުރެވި އެފަދަ އަމަލުތައް ހިންގި މެންބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެ އެވެ.
ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވާ ގޮތުގައި މަޖިލީހުގެ ޗެމްބަރު ތެރޭގައި ވެސް ޖިނާއީ ކުށްތަކަށް އަރައިގަންނަ ނަމަ އެހެން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި އޮންނަ ހަމަހަމަ ކަމާއި 17 ވަނަ މާއްދާގައި އޮތް ތަފާތު ނުކުރުމުގެ އުސޫލުގެ ދަށުން އެ މެންބަރަކާއި މެދު ވެސް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން މަޖިލީހަކީ ގާނޫނު ހެދުމުގެ ބާރު ކަމަށްވާއިރު އެ ބޭފުޅުންނާއި މެދު ފިޔަވަޅު ނޭޅޭ ކަމަށްވާ ނަމަ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނޫނީ، ރޫލްއޮފްލޯ ދެމިގެން ނުދާނެ އެވެ.

"ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމްވާ ގާނޫނުތައް މި ހަދަނީ ރައްޔިތުންގެ މަޖިލީހުން. އެހެންވީމާ އެ ބޭފުޅުން ހަދާ ގާނޫނަށް އެބޭފުޅުން އަމަލު ނުކުރަންޏާ، ނޫނީ ދިވެހި ރައްޔިތުންގެ ހައިސިއްޔަތުން އެބޭފުޅުންނާ ދޭތެރޭގައި ގާނޫނުގެ ދަށުން ފިޔަވަޅު ނޭޅޭ ކަމަށް ވަންޏާ އެ ގާނޫނަށް އެހެން ދިވެހި ރައްޔިތުން ތަބާވާން ޖެހޭނެ ކަމަށް ގަބޫލު ނުކުރާނެ،" އާސިފް ވިދާޅުވި އެވެ.

އެހެން ގާނޫނީ ވަކީލެއްގެ ބަހެކެވެ. ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ވިދާޅު ވަނީ މިހާރު އަމަލުކުރަމުންދާ އުސޫލަކީ މަޖިލީހުގެ ތެރޭގައި ޖިނާއީ މައްސަލައެއް ހިނގީމާ އެކަން ތަހުގީގު ކުރުމަށް މަޖިލީހުގެ ރައީސް ނާންގާ ނަމަ އެ މައްސަލަ ބެލުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވުމެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާގެ ބާރު މިހާރު ހިނގަނީ ހަމައެކަނި އާންމު ރައްޔިތުންނަށް އެކަންޏެވެ. އެއް މުއައްސަސާ އިން އަނެއް މުއައްސަސާގެ މައްޗަށް ފާރަވެރިވެ ބެލެހެއްޓެން ޖެހޭ ކަމަށް ވެސް ޒަނީން ވިދާޅުވެ އެވެ.

"މިނިވަން މުއައްސަސާތަކުގެ ބާރު މިހިންގަނީ އާންމު ރައްޔިތުންގެ މައްޗަށް އެކަނި. އެއް މުއައްސަސާ އިން އަނެއް މުއައްސަސާގެ މައްޗަށް ފާރަވެރިވެ ބެލެހެއްޓުމުގެ ދައުރު އަދާ ނުކުރެވޭ،" ޒަނީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރު ކަމަށްވާ އިރު އެ މަޖިލީހުން ހަދާ ގާނޫނުތައް ހަމަ އެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ނުހިނގުމަކީ އެއީ އުފެދެން ޖެހޭ ބޮޑު ސުވާލެކެވެ. އެބޭފުޅުންގެ ނަމުގެ ކުރިއަށް އިއްޒަތްތެރި އައުމަކީ އިއްޒަތްތެރިވެގެން ގޮސް އެބޭފުޅުން މަޖިލީހުގެ ތޭރޭގައި ކުރާ ޖިނާއީ ކުށްތައް ނުބެލެންވީ ސަބަބެއް ނޫނެވެ.

މަޖިލީހުން ބޭރުގައި އެބޭފުޅުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަފަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރުގެ މައްޗަށް ތުހުމަތު ކުރެވޭ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ. އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ މައްސަލައަކާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ފުލުހަކަށް ހަމާލާދިނުމުގެ މައްސަލައެއްގައި ދައުވާ ކުރެވިފައި ވާއިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ މައްސަލައެއްގައި ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ.

މިއީ މުޅިންވެސް މަޖިލީހުން ބޭރުގައި މެންބަރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތަކެކެވެ. ނަމަވެސް މަޖިލީހުގެ ޗެންބަރުތެރެ އަށް ވަނުމަށް ފަހު ކިތަންމެ ބޮޑު ޖިނާއީ ކުށެއް މެންބަރުން ކުރެއްވި ކަމުގައި ވިޔަސް އެކަން ތަހުގީގު ކޮށް ދައުވާ ކުރާ ފަރާތްކަމުގައިވާ ޕްރޮސެކިއުޓާ ޖެނެރަލްއާ ހަމަޔަށް ފޮނުވޭތަނެއް ނުފެނެ އެވެ. މިކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވެސް އެއްބަސް ވެލައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވި ގޮތުގައި އެމީހަކު އަދާކުރާ ވަޒީފާ އަކަށް ޖިންސަކަށް ޕާޓީއަކަށް ބެލުމެއް ނެތި އެންމެންގެ މައްޗަށް ގާނޫނުތައް ހިންގަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު މަޖިލީހުގެ ތަޅުމުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ މައްސަލަތައް ވެސް ތަހުގީގު ކުރެވި ފިޔަވަޅު އެޅެން ޖެހޭނެ އެވެ.

"އަޅުގަނޑު މަޖިލީހުން ނެރުނު ދުވަހެއްގައި އެތަނުގެ މުދަލަށް ގެއްލުންދިނީ ކަމަށް ބުނެ މަޖިލީހުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި. އެކަމު މާޗް 19 ގައި އެހިނގައިދިޔަ ކަންތައް އެ އޮތީ. މުޅި ރައްޔިތުންގެ ކުރިމަތީގައި އެތައް މޭޒެއް އެތައް ބައިވަރު ކޮމްޕިއުޓަރު ސިސްޓަމެއް. އެތައް ބައިވަރު މައިކުތަކެއް ފާޅުގައި ހަލާކު ކޮށް މުގުރާ، އެ އެއްޗިހި ބިންދާ ހެދި މަންޒަރު އެހެރީ ވީޑިއޯ ކުރެވިފައި. އެވަރުގެ ކަމެއް ފުލުހުންގެ އިދާރާ އަށް ހުށަހަޅައިގެން ތަހުގީގު ނުކުރެވި އޮތުމަކީ ހަގީގަތުގައި ވެސް އަޅުގަނޑު ހިތާމަ ކުރާކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބް ވިދާޅުވި ގޮތުގައި މާޗް މަހުގެ ފުރަތަމަ ދުވަހާއި 19 ވަނަ ދުވަހު ބައެއް މެންބަރުން މަޖިލީހުގެ މުދަލަށް ގެއްލުން ދިން މައްސަލައިގައި ޖިނާއީ ފިޔަވަޅު އަޅާނެ ކަމަށް މެންބަރުންނާއި ބައްދަލު ކުރައްވައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވެ އެވެ. ނަމަވެސް މިހާތަނަށް އެކަން ކުރައްވާފައި ނުވާތީ އެއީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަމަހަމަ ކަން ގެއްލޭ ކަމެއް ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި ވިދާޅުވެފައި ވަނީ މާޗް އެއް ވަނަ ދުވަހާއި މާޗް 19 ވަނަ ދުވަހު ހިނގައިދިޔަ ކަންތަކާ ގުޅޭގޮތުން، އެ މައްސަލައިގައި ޖިނާއީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނަމޭ. މިހާތަނަށް ފިޔަވަޅު އަޅުއްވާފައެއް ނުވޭ. އަޅުގަނޑު އިއްޔެ ވެސް މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވިން. އެ ސިޓީގައި އަޅުގަނޑު ބަޔާންކޮށްފައި ވަނީ، އަޅުގަނޑު ގާބޫލުކުރާ ގޮތުގައި މަނިކުފާނު ހުންނެވީ ބަޔަކަށް އަޅުވެތި ވެފައޭ. ނޫނީ ވަރަށް ބޮޑަށް ބައެއްގެ އަތްދަށު ވެފައޭ.،" މުއްތަލިބް ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންގެ ވާހަކަތައް ވެސް އެގޮތަށް ހުރި އިރު މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވެފައި ވަނީ މާޗް 19 ވަނަ ދުވަހު މަޖިލުގެ ބައެއް މެންބަރުން ޗެންބަރުގެ ތެރޭގައި ހިންގި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ސުލޫކު ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގި ދުވަހާއި ޖެހިގެން އައި ދުވަހު މަޖިލީހުގެ ސުލޫކު ކޮމެޓީ އަށް ހުށަހެޅި އެ މައްސަލަ މިހާތަނަށް އެޖެންޑާ ކޮށްފައި ނުވާ އިރު އޭގެ ފަހުން އެއްވެސް ގޮތަކަށް އެވާހަކަ ދައްކާތަނެއްވެސް ނުފެނެ އެވެ.

އޭގެ ފަހުން ބައެއް ސިޔާސީ ފަރާތްތަކުން ދައްކަނީ ގާނޫނު އަސާސީގައި ވާގޮތުން މަޖިލީހުގެ ތެރޭގައި ހިންގާ ޖިނާއީ މައްސަލަތައް ނުބެލޭނެ ވާހަކަ އެވެ. ގާނޫނު އަސާސީއާ ހަވާލާ ދެއްވައި ސިޔާސީ ފަރާތްތަކުން އެފަދައިން ވިދާޅުވަމުން ގެންދަވާއިރު ގާނޫނު އަސާސީ ބުނެ އެވެ؛

ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ): މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި މަޖިލީހުގެ މެންބަރަކު އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާގޮތަށް ދެއްކި ވާހަކަޔަކަށް ނޫން ނަމަ ވޯޓު ދެއްވިގޮތަކުން އެ މެންބަރެއްގެ ތަހުގީގުކޮށް ދައުވާ ކޮށްގެން ނުވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި އެ ބުނަނީ ހަމައެކަނި ދައްކާ ވާހަކަޔަކުން ނޫން ނަމަ ވޯޓު ދޭގޮތަކުން ފިޔަވަޅު ނޭޅޭނެ ވާހަކަ އެވެ. އެއީ އެއްވެސް ހާލެއްގައި މަޖިލީހުގެ މުދަލަށް ގެއްލުންދީ ހިތު ހުރިހާ ގޮތަކަށް އުޅުނަސް ތިމާމެންނަކީ މާމަތިވެރި ބައެއްގެ ގޮތުގައި ގާނޫނު އަސާސީން ބަލައި ގަތުމެއް ނޫނެވެ. އެ އިއްޒަތްތެރިންނަކީ ވެސް ގާނޫނުގެ ދިގުއަތް އެ މީހުންނާ ހަމައަށް ފޯރަން ޖެހޭނެ ބަޔެކެވެ.