ހަ ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ކުޅުން އިއްޔެ ޝްރީލަންކާގައި ފަށައިފި އެވެ.

ކޮލޮމްބޯގެ ހޮޓެލް ގަލަދާރީގައި ފެއްޓި މި މުބާރާތުގައި 17 ގައުމަކުން 95 ކުޅުންތެރިއަކު ވާދަކުރެ އެވެ.

ޝްރީލަންކާ، އިންޑިއާ، ކެނެޑާ، ޢިޓަލީ، ޕޮލެންޑް، ބަންގަލަދޭޝް، ގަތަރު، މޮރިޝަޝް، އެމެރިކާ، ޕާކިސްތާން، މެލޭޝިއާ، ސުވިޓްޒަލޭންޑް، ޖަރުމަން، ޖަޕާން، ކޮރެއާ، ފްރާންސް، އިންގްލެންޑް އަދި ދިވެހިރާއްޖެ އިން ވާދަކުރާ މި މުބާރާތުގައި ޑަބަލްސް، ސިންގަލްސް އަދި ޓީމު އިވެންޓުގެ އިތުރުން ސުވިސްލީގު މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގެ ޝަރަފުވެރި މެހެމާން ކަމުގައިވާ ޝްރީލަންކާގެ މިނިސްޓާ އޮފް ސްޕޯޓްސް މަހިންދާނަންދަ އަލުތްގަމަގެ ހުޅުވައި ދެއްވި މުބާރާތުގެ ކުޅުން އިއްޔެ ފައްޓާފައި ވަނީ ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓުގެ މެޗުތަކުންނެވެ.

ފިރިހެން ޑަބަލްސް އިވެންޓުގައި 14 ގައުމަކުން 26 ޕެއާއެއް ބައިވެރިވެފައިވާ އިރު ދިވެހިރާއްޖެ އިން ވާދަކުރާ ފުރަތަމަ ޕެއާއަކީ ހަސަން ނާޒިމާއި ހުސެއިން އަލީގެ ޕެއާ އެވެ. ދެވަނަ ޕެއާ އެއްގެ ގޮތުގައި ވާދަކުރަނީ ޝާފީ މުހައްމަދާއި ހުސެއިން ފާރިހުގެ ޕެއާ އެވެ.

އަންހެން ޑަބަލްސް އިވެންޓުގައި ހަ ގައުމަކުން 10 ޕެއާއެއް ބައިވެރިވެފައިވާ އިރު ދިވެހިރާއްޖެ އިން ވާދަކުރަނީ އައިޝަތު ޝަޒުނާއާއި އައިޝަތު ފައިނާޒުގެ ޕެއާ އާއި އައިމިނަތު ނިފާޝާ އާއި އައިމިނަތު ވިދާދެވެ.

މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޤައުމީ ކެރަމް ޓީމުވަނީ މީގެ ކުރިން އިންޑިއާގެ ޗެންނާއިގައި ދިހަ ދުވަހުގެ ޓްރޭނިންގް އެއްވެސް ހަދާފަ އެވެ.