01 Nov 2012, 09:19
ޗެންނާއި (ނޮވެމްބަރ 1): ތޫފާން ނީލަމްގެ ސަބަބުން އިންޑިޔާގެ ދެކުނުގެ ޓެމިލްނާޑޫ އަށާއި މެދުތެރޭގެ އަންދްރާ ޕްރަދޭޝްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ އެ ސަރަޙައްދުތަކުގެ ޢާންމު ދިރިއުޅުމަށް ދަތިވެ މާއްދީ ބައެއް ގެއްލުންތައް ލިބިއްޖެ އެވެ.
ބޭ އޮފް ބެންގޯލްގައި އުފެދުނު މި ތޫފާން ގަޑިއަކު ސަތޭކަ ކިލޯ މީޓަރުގެ ބާރުމިނުގައި އިންޑިޔާ އަށް އަރާފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވެ އެވެ. މިތޫފާން އެންމެ ފުރަތަމަ އެރިކަމަށް ވަނީ ޓެމިލްނާޑޫގެ ދެކުނުގެ އައްސޭރި ފަށުގައިވާ ސަރަޙައްދުތަކަށެވެ. ޓެމިލްނާޑޫގެ މަސްއޫލުވެރިންނާ ޙަވާލާދީ ބީބީސީ ޚަބަރު ދޭގޮތުގައި ނީލަމްގެ ސަބަބުން ޗެންނާއިގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 4000 ވަރަކަށް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ.
ފެންބޮޑުވުމާއި ގަސްތައް ވެއްޓުމުގެ ސަބަބުން ޓެމިލްނާޑޫ އާއި އަންދްރާ ޕްރަދޭޝްގެ ބައެއްސަރަޙައްދުތަކުގެ ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވީ ނަމަވެސް މީހަކު މަރުވިކަން ނޫނީ މީހަކު ގެއްލުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ނީލަމްގެ އަސަރު އެންމެ ބޮޑަށްކުރި ސަރަޙައްދުގެ ތެރޭގައި ޓެމިލްނާޑޫގެ ޕޮންޑިޗެރީ ހިމެނެ އެވެ. ޗެންނާއިގެ ސްކޫލްތަކާއި ކޮލެޖްތަކާއި ކަނޑުގެ ބަނދަރާއި ކާގޯގެ ޙަރަކާތްތައް ވަނީ ނީލަމްގެ ސަބަބުން ހުއްޓުމަކަށް އައިސްފަ އެވެ.
އިންޑިޔާގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ ނީލަމް ތޫފާންގެ ބާރު މިހާރު ކުޑަވަމުންދާ ކަމަށާއި ކުރިން ހީކުރެވިފައިވާ ވަރަށް މިތޫފާނުގެ ސަބަބުން ގެއްލުން ލިބިފައިނުވާ ކަމުގަ އެވެ. ނަމަވެސް ނީލަމްގެ ސަބަބުން އަދި ވެސް ބޯކޮށް ވާރޭވެހެމުންދާ ކަމަށާއި ވައިވެސް މުޅިން މަޑުނުވާ ކަމަށް އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ. ނީލަމް ތޫފާންގެ ސަބަބުން ސްރީލަންކާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތަކުގައި ވެސް ފެންބޮޑުވި އެވެ. ނަމަވެސް މިތޫފާން އިންޑިޔާ އަށް އަރާފައި ވަނީ ސްރީލަންކާގެ އިރުއުތުރުގެ އައްސޭރިފަށާ 85 ކިލޯމީޓަރު ދުރުންކަމަށްވެ އެވެ. (ބީ.ބީ.ސީ)