01 Nov 2012, 09:14
ޑާކާ (ނޮވެމްބަރ 1): މިޔަންމާގެ ރޮހިންގްޔާ މުސްލިމް ރެފިއުޖީންގެ ބަޔަކު ދަތުރުކުރި ބޯޓެއް ބޭ އޮފް ބެންގޯލް އަށް ބަންޑުންޖަހާލުމާ ގުޅިގެން 120 މީހަކު ގެއްލިއްޖެކަން ބަންގްލަދޭޝް އިން ބުނެފި އެވެ.
ބަންގަލްދޭޝްގެ ފުލުހުން ބުނީ މިބޯޓަކީ މިޔަންމާގެ ބައި މަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ ބަޔަކު ދަތުރުކުރި ބޯޓެއް ކަމުގެ މަޢްލޫމާތު ލިބިގައިވާ ކަމުގަ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އެބޯޓުން ދަތުރުކުރީ މިޔަންމާގެ ބައިމަދު އަދި ނިކަމެތި ކޮށްލެވިފައިވާ ރޮހިންގްޔާ މުސްލިމުންނެވެ. ރޮހިންގްޔާ މުސްލިމުން އެބޯޓުން ދަތުރުކުރީ އެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓުން ހިންގަމުން ގެންދާ މީހުން މެރުމާއި ގެދޮރުގައި ހުޅުޖެހުމާއި އަންހެނުން ރޭޕްކުރުން ފަދަ އިންސާނިއްޔަތާ ޚިލާފް އަނިޔާވެރި ޢަމަލުތަކަށް ކެތްނުކުރެވިގެން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ބަންގްލަދޭޝް އަށް ދިޔުމުގެ ބޭނުމުގައި ކަމަށްވެ އެވެ.
ރޮހިންގްޔާ މުސްލިމް ރެފިއުޖީން ދަތުރުކުރި އެބޯޓު ބަންޑުންޖަހާލި ކަމަށް ބެލެވެނީ ތޮއްޖެހޭ މިންވަރަށް އެ ބޯޓުގައި މީހުން ތިބުމުގެ ސަބަބުންނާއި ބޭ އޮފް ބެންގޯލަށް މިހާރު ކުރަމުންގެންދާ ވިއްސާރައާއި ޖެހެމުންދާ ބާރު ގަދަ ވަޔާ އެކު ކަނޑު ގަދަވުމާގުޅިގެން ކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެ އެވެ. ހާލުގައި ޖެހިފައިވާ މިޔަންމާގެ މުސްލިމުން ދަތުރުކުރި ބޯޓު ބަންޑުންޖަހާލުމުގެ ސަބަބުން ކަނޑުވި 13 މީހަކުވަނީ ސަލާމަތްކުރެވިފަ އެވެ. މިމީހުން ސަލާމަތްކުރީ ބަންގްލަދޭޝްގެ މަސްވެރިންނެވެ. ބޯޓު ބަންޑުންޖަހާލުމުގެ ސަބަބުން ގެއްލިފައިވާ 120 މީހުން މަރުވެފައިވާނެ ކަމަށް ބެލެވޭ ކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެ އެވެ. މީގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
މިޔަންމާގެ ބައިމަދު ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ހަރުކަށި ބުޑިސްޓުން ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކަށް ކެތްނުކުރެވިގެން 20 ހާހަށް ވުރެ ގިނަ މުސްލިމުން ގެދޮރުން ބޭރުވެ ރެފިއުޖީންނަށް ވެފައިވެ އެވެ. އަދި މިޔަންމާގެ ހުޅަނގުގެ ރެކިން ސްޓޭޓްގައި ބުޑިސްޓުންގެ އަނިޔާވެރިކަމާގުޅިގެން އެމީހުންނާއި ރޮހިންގްޔާ މުސްލިމުންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން ދިޔުމުގެ ސަބަބުން އިތުރު 70 ހާސް މުސްލިމުން ހާލުގައި ޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. (ބީ.ބީ.ސީ)