16 Sep 2010, 06:46
ކުޑަ ކުދިންތަކަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މަޝްހޫރު ގާރި މ. ޑްރީމީ ލައިޓް، ހުސައިން ތައުފީގާއި އެ މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ފުލުހުން ބުނާ އަންހެން ކުއްޖެއްގެ ވަކީލެއްގެ ގޮތުން ފުލުހުންގެ ތަހުގީގަށް ހާޒިރުވާ ގާނޫނީ ވަކީލު، ޅ. ނައިފަރު ނަސީމާ މަންޒިލް އަބްދުﷲ ޝިޔާޒް ހަ މަސް ދުވަހަށް ޖިނާއީ ކޯޓުން ސަސްޕެންޑްކޮށްފި އެވެ.
ޖިނާއީ ކޯޓުން އެޓާނީ ޖެނަރަލް ޑރ. އަހުމަދު އަލީ ސަވާދަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޝިޔާޒާ ގުޅޭ މި މައްސަލަ ކޯޓުން ބެލި އިރު ފުލުހުން ޝަކުވާ ހުށަހަޅާފައިވާ ގޮތަށް އެކަން ހިނގާފައިވާކަން އެނގޭ ކަމަށެވެ. އަދި ބުނެފައި ވަނީ އޭގެ ސަބަބުން ފުލުހުން ކުރަމުންދާ ތަހުގީގަށް ހުރަސް އެޅޭކަމަށް ވެސް ފުލުހުން ބުނާ ކަމަށެވެ.
ސިޓީގައި ބުނެފައި ވަނީ ތައުފީގުގެ ވަކީލެއްގެ ގޮތުގައި ޝިޔާޒު ހާޒިރުވަމުންދާތީ މިފަދަ އަމަލުތަކަކީ ގާނޫނީ ވަކީލެއްގެ ފަރާތުން ފެނިގެންވާނެ އަމުތަކެއް ނޫން ކަމަށެވެ. އަދި 15 ސެޕްޓެމްބަރު 2010 އިން ފެށިގެން ހަ މަސް ދުވަސް ވަންދެން ޖިނާއީ ކޯޓަށް ހުށަހަޅާ އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޝިޔާޒު ބަލައި ނުގަންނަ ގޮތަށް ޖިނާއީ ކޯޓުން ހަމަޖައްސާފައިވާ ކަމަށެވެ.
ޖިނާއީ ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސަންއެފްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފަހަކަށް އައިސް ވަރަށް ގިނަ ވަކީލުން ކިބައިން މި މައްސަލަ ފާހަގަކުރެވޭ ކަމަށާއި މި ގޮތަށް މިކަން ދާނަމަ ތަހުގީގު ނިމިގެން ޝަރީއަތަށް އަންނައިރު މައްސަލަ ސާބިތު ކުރަން ހުރަސްއެޅޭނެ ކަމަށެވެ.
ފުރަތަމަ މި މައްސަލަ ފެންމަތި ވުމުން ޒުވާން ވަކީލު ޝިޔާޒު ވިދާޅުވީ ފުލުހުން ބުނާ ގޮތަށް ކުޑަ ކުއްޖެއްގެ މައްސަލައިގައި މިހާތަނަށް އަދި ވަޑައިގެންފައިނުވާނެ ކަމަށާއި ތައުފީގުގެ މައްސަލައިގައި ވެސް ކުޑަކުއްޖެއްގެ ފަރާތުން ވަޑައިގެންފައިނުވާނެ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ ތައުފީގުގެ ގޭގައި އުޅޭ 18 އަހަރުވެފައިވާ އަންހެން ކުއްޖަކު ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން އޭނާ އެކަމަށް އިންކާރުކޮށްފައި ވަނިކޮށް ހައްޔަރު ކޮށްގެން ހާޒިރު ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާތީ އެ އަންހެން ކުއްޖާގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންފައިވާނެ ކަމަށެވެ.
"އޭނާގެ (އަންހެން ކުއްޖާގެ) ވަކީލެއްގެ ގޮތުން ހާޒިރުވި އިރު ވެސް އެއީ ތައުފީގާ ދެކޮޅަށް ހާޒިރުކުރި ކުއްޖެއް ކަމަކަށް އަންގާފައެއްނުވޭ. ހާޒިރު ކުރި އަންހެނަކީ ވެސް ތައުފީގާ ދެކޮޅަށް ބަޔާނެއް ދޭން ބޭނުންވާ މީހެއް ނޫން. އެފަދަ ބަޔާނެއް ދީފައެއް ވެސް ނުވޭ. އެހެންކަމުން މި މައްސަލައިގައި ކޮންފިލްކްޓެއް އުފެދޭ ކަމަކަށް ގަބޫލެއް ނުކުރަން،" ޝިޔާޒް ވިދާޅުވި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން ކުއްޖެއްގެ ގައިގައި އަތްލައިފި ނަމަ ނުވަތަ އެފަދަ އަމަލެއްގައި ކުއްޖަކު ބައިވެރިކޮށްފި ނަމަ އެއީ ކުށެއް ކަމަށާއި އެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށެވެ. އަދި ބުނަނީ ކުޑަކުއްޖަކު އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށެވެ.