މަޝްހޫރު މިއުޒިކު ބޭންޑް، "ޒީރޯ ޑިގްރީ އެޓޯލް" އިން މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އަހްމަދު ނާޝިދު (ފްލޫ ނާޝިދު)ގެ ކެންސަރު ބަލީގެ ފަރުވާއަށް އެހީ ހޯދުމުގެ ގޮތުން މިއުޒިކް ޝޯއެއް ބާއްވަން ނިންމައިފި އެވެ.

ނާޝިދު ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު އޭނާގެ ބައްޔަށް ފަރުވާކުރުމަށް އިތުރު ފައިސާ ވަނީ ބޭނުންވެފަ އެވެ.

"ހީލިން ރިދަމްސް"ގެ ނަމުގައި ބާއްވާ އެ ޝޯ އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ، ތާޖް ސަމޫދްރާގަ އެވެ.

ޝޯ އިންތިޒާމް ކުރާ ފަރާތްކަމަށްވާ ހައިރައިޒް އިން ބުނީ އެ ޝޯގެ ޓިކެޓްގެ އަގަކީ 200ރ. ކަމަށެވެ. ހައިރައިޒްގެ ޑިރެކްޓާ އިސްމާއިލް ހަމީދު ވިދާޅުވީ ސްރީލަންކާގައި ބާއްވަން ތައްޔާރުވަމުން އަންނަ އެ ޝޯވްގެ ޕްރޮމޯޝަނަލް ޝޯވް ތަކެއް ހަފްތާއަކު އެއްރޭ ސީހައުސް ގައި ބާއްވަން ނިންމާފައިވާ ކަމަށާއި އެޝޯތަކުގެ ތެރެއިންވެސް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

"ބޭނުން ފަރާތްތަކަށް މިހާރުވެސް އެހީދެއްވުމުގެ ފުރުސަތު ހުޅުވިފައި އޮތީ. މި ޝޯތަކުގެ ތެރެއިންވެސް އެހީދޭން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުސަތުހުޅުވިފައި،" ހަމީދު ވިދާޅުވި އެވެ.

އެ ޝޯވް އަކީ ހައިރައިޒް އިން މިހާތަނަށް ބާއްވާ އެންމެ ބޮޑު އިވެންޓްކަންވެސް ހަމީދު ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ނާޝިދު ކެންސަރުބަލި ތަހައްމަލް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ނަމަވެސް އޭނާ ނާޝިދު ސިފަކުރެއްވީ "ކެތްތެރި، ހިތްވަރުގަދަ މީހެއް"ގެ ގޮތުގަ އެވެ.

"ނާޝިދަކީ ވަރަށް ހިތްވަރު ގަދަ ވަރަށް ކެތްތެރި މީހެއް. ނާޝިދު އެ ބަލި ތަހައްމަލު ކުރަމުންގެންދާ އިރުވެސް އެ ބައްޔާއި މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ވަރަށް މަސައްކަތް ކުރޭ. އަޅުގަނޑު އެދެނީ ނާޝިދު އަށްވެސް އަދި މިބަލި ތަހައްމަލު ކުރަމުންގެންދާ އެންމެންނަށްވެސް މާތްﷲ ހެއޮރަހްމަތް ލެއްވުން،" ނާޝިދުގެ ގާތް ރައްޓެހިންގެ ތެރޭގައިވެސް ހިމެނޭ ހަމީދު ވިދާޅުވި އެވެ.

ޒީރޯ ޑިގްރީ ބޭންޑު އުފެދުނީ 1987 ވަނަ އަހަރު އެވެ. އެ ބޭންޑުގެ ފުރަތަ އަލްބަމްގެ މަސައްކަތް ފަށާފައިވަނީ 1988 ވަނަ އަހަރު އެވެ. އެ އަލްބަމް އުފެއްދުމުގައި މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް އަލްބަމް އެއް އުފައްދަން ބަޔަކު ނުކުރާހާ ބުރަ މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން އެ ބޭންޑް ވަނީ ރާއްޖޭގެ އެކި ރައްރަށައް ދަތުރުކޮށް ރައްފުށުގެ މީހުންނާއި އެކު ދިރިއުޅެ އެ މީހުންގެ އާދަކާދަ ތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާ ކޮށްފަ އެވެ. އަދި އެ ދަތުރުގައި އެމީހުން ވަނީ އަލްބަމަށް ބޭނުންވާ ގުދުރަތީ އަޑުތަކާއި، ރައްފުށު ދިރިއުޅުމުގެ އާއްމު އަޑުތަކާއި، ރާގުތައް ރެކޯޑު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ފަލިޖަހާ އަޑާއި، ހަނޑޫ ފޮޅާ އަޑުތަކުން އެ ބޭންޑުގެ ފުރަތަމަ އަލްބަމް ކަމަށްވާ "ދޯނި" އަލްބަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ. އެ ބޭންޑުގެ މިއުޒިކް އެ އަޑުތަކާއި މަސްހުނިކޮށްގެން ތައްޔާރުކުރި ލަވަތަކުގައި ފަތިސްގަޑީގައި ދޫނި ސޫފާސޫފި ގޮވާ އަޑާއި، ބޮނބި ތަޅާ އަޑުގެ އިތުރުން ރާޅުތަކުގެ ނެށުމުގެ އަޑު ހިމަނާފައިވެ އެވެ. ޒީރޯ ޑިގްރީ އެޓޯލް ބޭންޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފާހަގަ ކޮށްލެވޭ ފަދަ މަގުބޫލު ކަމެއް ހޯދާފައިވާ ބޭންޑެކެވެ.