ވިއްސާރައިގައި ފެންބޮޑުވި ރަށްރަށުގެ ތެރެއިން ނުވަ ރަށެއްގައި ބަލި މަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރަށް ކްލޮރިން ކުރަން ޖެހިފައިވާ ކަމަށާއި ނަމަވެސް އެ ވަރަށް ޑިޒާސްޓާ މެނޭޖްމަންޓްގައި ކްލޮރިން ނެތް ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.

އެ ސެންޓަރުން މިހާރު ވަނީ އެހީގެ ގޮތުގައި ކްލޮރިން ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި އެހީގެ ގޮތުގައި ކްލޮރިން ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން އާންމު ފަރާތްތަކާއި ވިޔަފާރިވެރިން އެ ސެންޓަރަށް އެހީގެ ގޮތުގައި ކްލޮރިން ފޯރުކޮށްދިނުން އަވަސް ކުރުމަށް ވަނީ އެދިފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓްގެ ރެސްޕޮންސް އޮފިސާ މުހަންމަދު ދީދީ މިއަދު ސަން އޮންލައިންއަށް ވިދާޅުވީ 24 ރަށެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބިފައިވާއިރު އޭގެ ތެރެއިން ނުވަ ރަށެއްގެ ނަރުދަމާގެ ނިޒާމު އެއްކޮށް ހަލާކުވެ ނަޖިހުގެ އަސަރު ރަށުތެރެއަށް ފެތުރިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

"އެ ރަށްރަށުގެ ފެންފަށަލަވެސް މި ވަނީ އެއްކޮށް ކިލަބުވެފައި. ފެންބޮޑުވެގެން ނަޖިސް ފެތުރުނީމައި ވަޅުތަކަށްވެސް އޭގެ އަސަރު ކޮށްފައި ވަނީ. އެހެންވެ މިހާރުން މިހާރަށްވެސް މި ނުވަރަށް އެބަޖެހޭ ކްލޮރިން ކުރަން. ނަމަވެސް އެ ވަރަށް ކްލޮރިންއެއް ނެތް. އަޅުގަނޑުމެން އެހެންވެ ވިޔަފާރިވެރިންނާއި އާންމުންގެ ކިބައިން މި އެދެނީ އެ އެހީ ފޯރުކޮށްދެއްވުމަށް،" މުހަންމަދު ދީދީ ވިދާޅުވި އެވެ.

ކްލޮރިން ކުރަން ޖެހިފައިވާ ރަށްރަށަކީ ހއ. ހޯރަފުށި، ހދ. ނޮޅިވަރަމާއި ހަނިމާދޫ، ލ. ގަން ތުޑީއަވަށާއި ފޮނަދޫ، މާވަށް މާމެންދޫ، މާބައިނދޫ އަދި ށ. ފީވަކެވެ. އޭގެ ތެރެއިން މިހާރު ކްލޮރިން ކުރުމުގެ މަސައްކަތް ކުރަނީ ހޯރަފުށީގައި އެކަނި ކަމަށް ދީދީ ވިދާޅުވި އެވެ. އަދި އެ ރަށުގައިވެސް ކްލޮރިން ކުރަނީ ސިއްހީ މަރުކަޒުގައި ހުރި ކްލޮރިން އާއި މާލެއިން އެކޮޅަށް ފޮނުވި ކްލޮރިން ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

"ސިއްހީ މަރުކަޒުތަކުގައި ހުރި ކްލޮރިންއާ މި އެއްޗިހި މަދުވާނެ. ގިނައިން ކްލޮރިން އެބަ ބޭނުންވޭ. މި ނުވަ ރަށް މިއީ މިހާރުވެސް ކްލޮރިން ކުރަންޖެހޭ ރަށްރަށް ނަމަވެސް މަސައްކަތް މި ދަނީ އެންމެ ރަށެއްގައި. ވީހާވެސް އަވަހަކަށް ކްލޮރިން ބޭނުންވޭ،" ދީދީ ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޑިޒީސް ކޮންޓްރޯލް ޔުނިޓް (ސީސީއެޗްޑީސީ)ން ވެސް ވަނީ މި ދުވަސްވަރާއި ދިމާކޮށް ބަލިމަޑުކަމެއް ފެތުރިދާނެތީ އެކަމަށް ސަމާލުވެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

ދީދީ ވިދާޅުވީ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވި ހޯރަފުއްޓަށް ކޮންމެ ވައްތަރަކުން 90 ބަސްތާ ކާޑާއި ގޮދަޑި އާއި ލުއިކާނާ އަދި ބޭސްފަދަތަކެތި އެސްޓީއޯގެ ބޯޓެއްގައި އިއްޔެ ފޮނުވާލާފައިވާ ކަމަށާއި ކާޑުގެ ބާވަތްތަކަކީ 15 ދުވަހަށް ފުދޭ މިންވަރެއް ކަމަށެވެ. އަދި އެ ރަށްރަށަށް ގިނަ ވިޔަފާރިވެރިންގެ އެހީލިބެމުން އަންނަކަންވެސް ދީދީ ފާހަގަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ދަތުރުފުޅަށްފަހު އިއްޔެ އިރުއޮއްސުނު ވަގުތު މާލެ ވަޑައިގަތް ރައީސް ވިދާޅުވެފައިވަނީ ވިއްސާރައިގެ ގެއްލުންތަކުގައި އެހީތެރިވުމަށް 10 މިލިއަން ރުފިޔާގެ ބަޖެޓެއް އެކަމަށް ހާއްސަކުރައްވާފައިވާ ކަމަށެވެ. ރައީސްގެ ހާއްސަ ދެ މަންދޫބަކުވެސް އަންނަނީ ވިއްސާރައިގައި ގެއްލުން ލިބުނު ރަށްރަަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

އިންޑިއާގެ ބޭއޮފް ބެންގަލްގައި އުފެދުނު ބާރުގަދަ، ތޫފާން "ނީލަމް"ގެ އަސަރު ނުސީދާގޮތެއްގައި ރާއްޖެއަށްވެސްކޮށް ގިނަ ގެއްލުންތަކެއް ރާއްޖެއަށްވެ ދަނޑުބިންތަކަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.