މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައިވާ ރަށްރަށުގެ ތެރެއިން ހުރިހާ ރަށަކުން ވެސް ފެން ހިއްކައި ނިމިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމަށް ވެލާނާގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ ސްޕޯކްޕާސަން އަބުދުއްރަހީމް އަބުދުއްލަތީފް ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވުމުގެ މައުލޫމާތު ލިބުމާ ގުޅިގެން ބޮޑަށް ފެން ހެދިފައިވާ ރަށްރަށަށް އިސްކަންދީގެން ފެންހިއްކުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު ފެންބޮޑުވި ހުރިހާ ރަށަކުން ވެސް ފެންހިއްކާފައިވާ ކަމަށެވެ.

"މަގުތަކުން ފެންހިއްކި ނަމަވެސް ބައެއް ގޭގޭގައި ފެންހުރޭ. ބައެއް ގޭގޭގެ ހުންނަނީ މަގަށްވުރެ އަޑިކޮށް. އެހެންކަމުން ގޭގޭއި ވެސް ވަކިން ޕަންޕުޖަހައިގެން ފެންހިއްކުމުގެ މަސައްކަތްކުރިން، އެހެކަމުން އަޅުގަނޑުމެން މި މަސައްކަތް ކުރި ރަށްރަށުގައި އެއްވެސް ގެއެއްގެ ތެރޭގައެއް ފެނެއްނެތް،" އަބުދުއްރަހީމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ވިއްސާރާގައި ހާލުގައި ޖެހިފައިވާ ރައްޔިތުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފްއިން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްނުދީ އެމްއެންޑީއެފް އިން މަސައްކަތްތައް ހުއްޓައި ނުލާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިޒާސްޓާމެނޭޖްމަންޓް ސެންޓަރުގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ތަސްނީމް ވިދާޅުވީ ރެއިން ފެށިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭނުންވާ ސާމާނު ފޯރުކޮށްދިމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެންމެ ބޮޑަށް ގެއްލުންވި ހއ. ހޯރަފުއްޓަށް ކާޑުގެ ބާވަތްތަކާއި ބޭހުގެ އިތުރުން ނިދަން ބޭނުންކުރާ ސާމާނު ވެސް ފޮނުވާފައިވާ ކަމަށާއި އަދި ހާލުގައި ޖެހިފައިވާ 25 ރަށުގެ ތެރެއިން 20 ރަށުގެ މައުލޫމާތް ލިބުމާ ގުޅިގެން އެ ރަށްރަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިއަދު ހެނދުނުން ފެށިގެން ދެ ފިޔަވައްސަކަށް ބަހާލައިގެން އަޅުގަނޑުމެން އެސެސްމަންޓް ކުރިއަށްގެންދަން އެގޮތުން މިހާރުން މިހާރަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ހާލުގައި ޖެހިފައިވާ ރަށްރަށަށް ފޯމްތައް ފޮނުވައިގެން އެ މައުލޫމާތުއް ނަގައިގެން އެއަށް ބޭސްކޮށްގެން އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ،" ތަސްނީމް ވިދާޅުވި އެވެ.

އަދި އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓާ ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.