މިވަގުތު އަހަރެމެން ދިވެހިންނަށް ބޭނުންވެފައި މިވަނީ ގައުމުދެކެ ލޯބިވާ ބަޔަކު ފެނުމެވެ. އެފަދަ ބަޔަކު ހޯދަން އެއްމެ ފަސޭހަ ވާނީ އެބައެއްގެ އަމިއްލަ ތައާރަފު ސީދާ އެމީހުންގެ ފަރާތުން ލިބިގެންނެވެ. އެހެން މީހަކު ނުވަތަ ބަޔަކު އެފަދަ ބަޔަކު ހޯދަން އެކަހަލަ ބައެއްގެ ވަނަވަރު ކިއުމަކީ މުޅިން ބަރާބަރު ތެދުގެ މައްޗަށް ބިނާވެފައި އޮތުން އެކަށީގެންވާ ކަމެއްނޫނެވެ. އެއާއި އެކުވެސް އެފަދަ ބަޔަކު ފެނޭތޯ، އެނގޭތޯ ހޯދަން މަޖުބޫރު ވެފައިވާތީ ލިބޭ މައުލޫމާތު ތަކުގެ މައްޗަށް އިންސާފުކޮށް ޔަގީންކަމާއި އެކު ގައުމުދެކެ ލޯބިވާ ބަޔަކު ހޯދައި ދެނެގަންނަން ޖެހިފައިވާކަން ވެސް ގަބޫލުކުރަން އެބަޖެހެއެވެ.

މިކަންވެސް ފަށައިގަތުމުގެ ގޮތުން އަހަރެމެން އެފަދަ ބަޔަކު ހޮވާ ކަނޑައެޅޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. މި މަސައްކަތުގައި ކުރެވޭ ބަޔާންތަކުގައި ނުވާހަކަތަކެއް، ނުވަތަ ދޮގުތަކެއް އެކުލެވިފައި ވާކަމުގައި ވަނީނަމަ އެ ކަންކަން ފާހަގަކޮށް އެފަރާތްތަކުން ނުވަތަ އެފަރާތްތަކުގެ މައުލޫމާތު ފުރިހަމައަށް އެނގޭ ފަރާތަކުން އާއްމު ކޮށް އަންގައިދީ ބަޔާން ކޮށްދޭނެކަމުގެ ޔަގީން ކަމުގައި ތިބެއެވެ.

ގައުމުދެކެ ލޯބިވާ މީހުން އެއްމެ ގިނަވާނީ މަޖިލީހުގެ ތެރޭގައިކަމަށް ބެލިދާނެއެވެ. އެހެންކަމުގައި ބަލާނަމަ އެފަދަ މީހުންގެ މަސައްކަތްތައް ހުރި ނުވަތަ ހުންނަ ގޮތާއި ބަހައްޓާގޮތާއި މިގޮތަށް ބަޔާންކުރެވި ދާނެއެވެ.

- އަހަރެމެންނަކީ އެތަކެއް ސަތޭކަމީހުން އަހަރެމެންކުރެ ކޮންމެ މީހަކަށްވެސް އިތުބާރުކޮށް ގައުމުދެކެ ލޯބިވާ ކަމުގައި ގަބޫލުކޮށް އަހަރެމެންނަށް ވޯޓުދީގެން ހޮވާފައި ތިބި ގައުމުދެކެ ލޯބިވާ މީހުންނީމު އެވެ. އަހަރެމެންގެ ހުރިހާ ވަގުތެއް ވެސް މިހޭދަކުރަނީ މަޖިލީހުގައި ރަނގަޅު ކަމެއް ކުރެވޭތޯ އެވެ. އެއީ މަޑުން ބުނެގެން ނުވަންޏާ އަޑުގަދަ ކޮށްހަޅޭއްލަވައި ގެންވެހެވެ. އެގޮތަށް ވެސް ކާމިޔާބު ނުވާނަމަ ގަޔަށްއަރާ ތަޅާ ފޮޅައިގެންވެސް އަހަރެމެންގެ މަސައްކަތް އަހަރެމެންނަށް ކަމުދާ ގޮތަށް ކުރެވޭތޯ އަހަރެމެން ބަލަމެވެ. ގައުމުދެކެ ލޯބިވާތީ އެވެ. ކަންކަމާފިކުރު ނުކުރާ ނުވިސްނާ ބަޔަކު އަހަރެމެންގެ މުސާރަ މާބޮޑޭ ކިޔައެވެ. ހަމަޖެހިލައިގެން ފުންކޮށް ވިސްނާލައިފިނަމަ އެއީ ދޮގެއްކަން އެއްމެންނަށް ވެސް އެނގޭނެއެވެ. މަޖިލީހުގެ ކަންތައް ރޭވިފައި އޮންނަގޮތުން އެލިބޭ މުސާރައިން އެކަނި ފުއްދާލަންވެސް ދައްޗެވެ. ބައެއް ފަހަރަށް އެހެން ގޮތްގޮތުން އިތުރު ފައިސާ ހޯދަން ވެސް ޖެހެއެވެ. ގަބޫލުކުރަން އުނދަގުލިއްޔާ އިތުރު ތަފުސީލު ވެސް ދީފާނަމެވެ. ގަވައިދު ބުނާގޮތުން ޗުއްޓީ ނަގަން ޖެހެއެވެ. ޗުއްޓީގައި ރާއްޖޭން ބޭރަށް ދިއުމަކީވެސް ނުލިއެވި އޮންނަ ގަވައިދުގެ ބައެކެވެ. ދާއިރު އަނބިދަރިން ނުވަތަ އަނެއްހެން ސެކްރެޓަރީން ގެންދިއުމަކީ ވެސް އޮންނަ ކަމެކެވެ. ކުރަންޖެހޭ ކަމެކޭ ބުނެވި ދާނެއެވެ. ކުރަމުން އަންނަ ކަމަކީ ގަވައިދުގައި ހިމެނި ނުލިއެވި އޮންނަ ކަންކަން ކަމުގައި ބެލެވޭ ފަދައިންނެވެ. މިހާރަކު މީހަކަށްވާ އެކަކުވެސް ޗުއްޓީ ހޭދަކުރަން އޮޅުދޫކަރަ، ނުވަތަ އުތުރުކަރަ އަކަށް ނުދާނެދޯއެވެ. އެއްމެ ނުފޯރިއަސް ދާނީ މެލޭސިއާ، ސިންގަޕޫރަށެވެ. އެހިސާބަށް ކަމަށް ބެއްޔަސް ހަތަރުފަސް މީހަކު ބިޒިނަސް ކުލާހުން ޓިކެޓު ނަގައިގެން އެތަނަށް ގޮސް ބައެއް ތަންތަނަށް ޖައްސާލައި މޮޅެތި ބާވަތްތައް ކާލައި ސިކުނޑީގެ ވަރުބަލިފިލުވާލައި ތާޒާ ވެލައިގެން އަނެއްފަހަރު މަޖިލިސް ފެށެންވާއިރު މޮޅު ބުއްދިއާއި ހެޔޮފިކުރު ކުރެވޭވަރު ކޮށްގެން އެނބުރި އައުދެވޭއިރު ހޭދަވެގެންދާވަރު ވިސްނާލައި ހިސާބުކޮށްލައި ހަދާނަމަ ހަމައެކަކުވެސް އަހަރެމެންގެ މުސާރަ ބޮޑެކޭ ނުބުނާނެކަން ޔަގީނެވެ. ޗުއްޓީ ލިބުނީމާ ފުރައިގެން ދަނީ ދާހިތަކުންނޫނެވެ. މަޖުބޫރުންނެވެ. އެއީ އެނބުރި އައިސް ރައްޔިތުންނަށް އިތުރު ރަނގަޅު މޮޅު ގޮތްގޮތް ހޯދައިދެވޭތޯ އިތުރު ވިސްނުމާއި ފިކުރު ނެރެން ބޭނުންވާތީ އެވެ. ވީއިރު އެއީވެސް ގައުމު ދެކެ ލޯބިވާތީ ގައުމަށްޓަކައި އަހަރެމެން ކުރާ ކަމެކެވެ.

ދެން އަނެއްބަޔަކު އެދައްކަނީ ކޯރަމް ގެ ވާހަކައެވެ. މަޖިލީހުގެ އެތެރެ ފެންނަ މަޖިލީސް ހިނގާ ނުހިނގާގޮތް އެނގޭބަޔަކަށް ތިބޭނީ މަޖިލީހުގެ މީހުންނެވެ. އެއިން ހަމަ އެކަކުވެސް ކޯރަމް އެއީ މާބޮޑު މައްސަލައެކޭ ނުބުނާނެއެވެ. ކޮމިޓީތައް އެއޮންނަނީ އަބަދާއި އަބަދު އެވެ. އެއްމެ ކޮމިޓީއެއް ދެ ކޮމިޓީއެއް ނޫނެވެ. ކޮމިޓީއެއްގައި އެކަކުދެމީހަކު ނޫނެވެ. ބައިވަރެވެ. ވީއިރު މައިޖަލްސާއަށް މީހުން މަދު ވުމަކީ މައްސަލައެއް ނޫނެވެ. އަނެއްކާ ހަމަ އަހަރެމެންގެ ވެސް އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިއާއި އަނބިދަރިންގެ ކަންތަކާއި މިހެންގޮސް ހަމަ ހުރިހާ ކަމެއްވެސް ހުންނަން ޖެހެއެވެ. އޭގެ އިތުރަށް ކޮންމެ ވެސް މައްސަލައެއްގައި ކޯޓަށް، ފުލުސް އޮފީހަށް ނުވަތަ ބޭންކަކަށް ވެސް އޮންނަނީ ދާންޖެހިފައެވެ. އެއީ ވެސް ކޯރަމް ހަމަނުވާން ދިމާވާ ސަބަބެކެވެ. ގޭގައި ސަލާމުގައި ނުވަތަ އަމިއްލަ ޗުއްޓީއެއްގައި އުޅޭނީ ދާދި މަދު ބައެކެވެ. ޔަގީނުން ވެސް އެކަހަލަ ދިހައެއް ހަމަވާނީ މަދު ދުވަހަކުއެވެ. އަހަރެމެންނަކީ ވެސް އިންސާނުންކަމުގައި ވާތީ މިހިރަ މިހިރަ ކަންކަމަކީ ވާންޖެހޭ، ވާނެކަންކަން ކަމުގައި ގަބޫލު ނުކުރާ ބަޔަކު އެނުކުރަނީ ޒާތީ ވެގަނެގެންނޭ ކަނޑައެޅިގެން ބުނާނެ ޖާގަ އެބައޮތެވެ. ޖުމްލަކޮށް ބުނާނަމަ ވަކިން ޚާއްސަކޮށް މިދުވަސްވަރު މިގައުމުގައި ތިބި ގައުމުދެކެ އެއްމެ ބޮޑަށް ލޯބިވާ، ގައުމަށްޓަކައި އެއްމެ ގަދައަޅައި ވިސްނާ ފިކުރުކޮށް އަދި ހަމައެއާއިއެކު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ ބަޔަކަށް ތިބީ ހަމަ އަހަރެމެންނެވެ. އެއީ ގައުމުދެކެ ލޯބިވާތީއެވެ.

މިލިއެވުނީ ގައުމުދެކެ ލޯބިވާ ކަމުގައި ބެލެވޭ އެއްބައެއްގެ ވާހަކައެވެ. މިމައުލޫމާތުތަކަކީ ތަފާތު އެކިވަކި ގޮތްގޮތުން ހޯދައި ދެނެގަނެވިފައިވާ މައުލޫމާތު ތަކެކެވެ. މިއިން އެއްވެސް ވާހަކައަކީ މަޖިލީސް މީހެއްގެ ސީދާ ކިއައިދިނުމެއް ބުނެދިނުމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން މީގައި އުނިއިތުރާއި ނުބައި ރަނގަޅު ވެސް ހުރުމަކީ ނުހުރުމަށް ވުރެ ގާތްކަމެކެވެ. އުނިއިތުރެއް ނުވަތަ ނުބައި ރަނގަޅެއް މީގައިހުރިކަމުގައިވާނަމަ ކުރިންވެސް އެދެވުނު ފަދައިން އެތަނެއް އާއްމުންނަށް ސާފުކޮށް އޮޅުންފިލުވައި ދޭނެކަމުގައި އުއްމީދު ކުރެވެއެވެ. ކަމަކީ ނުހަނު ބޭނުންތެރި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ގަބޫލު ކުރެވޭތީ އެވެ. ހެޔޮހިތުން މިގައުމުދެކެ ލޯބިވާ ބަޔަކު ހަމަކޮންމެހެން ވެސް ހޯދަން މިހާރު މަޖުބޫރު ވެފައި ވާތީއެވެ.

ގައުމުގެ މިއަދުގެ ހާލަތު ބަދަލު ކުރެވޭނީ ގައުމުދެކެ ލޯބިވާކަމުގައި ހަދައިގެން ތިބި "އަޑިކަޅު" މީހުންނާއި ހެޔޮހިތުން ތެދުވެރިކަމާއިއެކު ގައުމުދެކެލޯބިވާމީހުން ވަކިކުރެވި " އަޑިކަޅު " ބައި ދުރަށް ލެވިގެން ކަމުގައި ވާތީއެވެ.