31 Oct 2012, 23:12
ދިހަ ދުވަހުގެ ސަސްޕެންޝަނަކަށް ފަހު، ކުޅެން ނުކުތް ފްރާންސް ކްލަބް ސްޓާޑޭ ރެނޭސްގެ މިޑްފީލްޑަރު ޔަން އެމްވިޔާ ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށް އެކުލަބުގެ ކޯޗު ފްރެޑެރިކް އެންޓޮނެޓީ ބުނެފި އެވެ.
އުމުރުން 22 އަހަރުގެ ފްރާންސް މިޑްފީލްޑަރު އެމްވިޔާ ސަސްޕެންޑްކުރީ ފްރާންސް ގައުމީ ޓީމްގެ މައްސަލައަކާއި ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ. ދިހަ ދުވަހުގެ ސަސްޕެންޝަނަށް ފަހު، އެމްވިޔާވަނީ މިދިޔަ އަންގާރަ ދުވަހުގެ ފްރާންސް ލީގުގައި އާލެސް އަވިގްނޮންއާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ.
"މެޗުގައި އެމްވިޔާއަށް ކުޅެންޖެހުނީ ޑިފެންސިވްކޮށް. އެހެންކަމުން އޭނާ އަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިވި. އޭނާގެ ފަރާތުން ކުށެއް ފެނުނު ނަމަވެސް އޭނާގެ ކުޅުން ވަރަށް މޮޅު. އަހަރެން މިހިރީ އޭނާ ދެއްކި ކުޅުމާމެދު ފަހުރުވެރިވެފައި. އަދި ޓީމުން ފަހްރުވެރިވާކަން އެމްވިޔާއަށް އެނގޭނެކަމަށް އުންމީދުކުރަން." ކޯޗް އެންޓޮނެޓީ ބުންޏެވެ.
ރެނޭސްގެ އިތުރުން އެމްވިޔާއަކީ ފްރާންސް ގައުމީ ޓީމްގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. ނަމަވެސް މިއަހަރު ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެމްވިޔާގެ ފަރާތުން އަހްލާގީ މައްސަލަތަކެއް ފެނިފައިވެ އެވެ.