ފަނޑިޔާރުންގެ މަސައްކަތާ ގުޅޭ ގޮތުން ޖަވާބުދާރީވުމަށް ކޮމެޓީ އަށް ހާޒިރުވުމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭތީ، ހަމައެކަނި ފަންނީ މަސައްކަތްކުރުމުގައި މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރުން މަޖިލީހަށް އަންގައިފި އެވެ.

ފަނޑިފާރުން ހާޒިރުކުރުމަށް މިރޭ ބޭއްވި ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރުން މިރޭ 9:00 އަށް ކޮމެޓީ އަށް ހާޒިރު ކުރުމަށް އަންގާފައިވަނިކޮށް، ކޮމެޓީއަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ އެ ތިން ފަނޑިޔާރުން މިރޭ 8:35ގައި ސިޓީތަކެއް ފޮނުއްވާފައިވާ ކަމަށެވެ. އަލީ ވަހީދު ވަނީ އެ ސިޓީތައް ކޮމެޓީ އަށް އިއްވަވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތް ހިންގަވާ ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރުން ކަމުގައިވާ ގއ. އަތޮޅު އިސް މެޖިސްޓްރޭޓް ޝުޖާއު އުސްމާނާއި އއ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަބްދުއް ނާސިރު އަބްދުއްރަހީމް އަދި އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ހުސައިން މަޒީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ މަސައްކަތާ ގުޅޭ ގޮތުން ކޮމެޓީ އަށް ހާޒިރުނުވެވޭނެ ކަމަށް ޖޭއެސްސީން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ "ރުހުމާއި ގަބޫލުގައި" ރައްޔިތުންގެ މަޖިލީހާ އެކު ފަންނީ މަސައްކަތް ކުރުމަކީ "އެންމެ ރަނގަޅު ކަމެއްކަމުގައި" ޖޭއެސްސީން ބުނެފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހާ އެކު ފަންނީ މަސައްކަތްކުރާނެ ހަރުދަނާ އުސޫލެއް ކަނޑައަޅޫއްވައިފި ނަމަ، އެ ސޫލުގެ ދަށުން ކޮމެޓީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ސިޓީތަކުގައި ވިދާޅުވެފައިވެ އެވެ.

އެ ތިން ބޭފުޅުން މަޖިލީހަށް ސިޓީ ފޮނުއްވަވާފައިވާ އިރު، ޖޭއެސްސީން ވެސް ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެ އެވެ. އެ ސިޓީގައި ވެސް ބުނެފައި ވަނީ މަޖިލީހާ އެކު ފަނޑިޔާރުން ފަންނީ މަސައްކަތް ކުރުމަށް އުސޫލެއް ކަނޑައަޅައިދިނުމަށެވެ.

ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޮމެޓީ އަށް ހާޒިރުވުމަށް އެދި މިދިޔަ ހޯމަ ދުވަހު ފަނޑިޔާރުން ފޮނުއްވެވި ސިޓީތަކާ ގުޅިގެން ކޮމެޓީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުއްނާސިރު އަބްދުއްރަހީމް އަނގަބަހުން މަޖިލީހަށް ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ހުސައިން މަޒީދާ ގުޅުއްވިފައިނުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ފަނޑިޔާރުން ކޮމެޓީ އަށް ފޮނުއްވެވި ސިޓީފުޅުތައް ކޮމެޓީ އަށް އިއްވުމަށް ފަހު މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެކަމާ މެދު މެންބަރުން އަލުން މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމުމަށެވެ. ސަރުކާރަށް ތާއިދު ކުރާ މެންބަރުން ހުށަހަޅުއްވާފައި ވަނީ ކޯނީގެ ރިޕޯޓްގެ ދިރާސާއަކަށް ރައީސް ނަޝީދުގެ މައްސަލަ ބައްލަވާ ހުޅުމާލޭ ކޯޓްގެ ފަނޑިޔާރުން ގެނައުމަކީ "ހަމަޖެހޭ" ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ ފަނޑިޔަރުން ކޮމެޓީއަށް ހާޒިރުކުރަންޖެހޭނެ ކަމަށެވެ.