މި އަހަރު ބޭއްވުނު ބާސްކެޓް ބޯޅައެސޯސިއޭޝަންގެ އިންތިހާބުގައި މެމްބަރު ކުލަބުތަކުގެ ބޮޑު ތާއީދަކާ އެކު އިންތިހާބުވި އެއެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ބާސްކެޓްބޯޅަ ދުނިޔެ އަށް ތައާރަފްކޮށް އެ ކުޅިވަރު ރާއްޖޭގައި ތަރައްގީ ކުރުމަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ބާސްކެޓް ބޯޅަ އެސޯސިއޭޝަނާ ބެހޭ ގޮތުން ބަޔަކު މީހުން ދިން މައުލޫމާތަކަށް ރިޔާއަތްކޮށް، "ސަން އޮންލައިންގައި ރޭ ޝާއިރު ކޮށްފައިވާ ހަބަރަކާ ގުޅިގެން އެ އެސޯސިއޭޝަނުން މިއަދު ނެރުނު ދެ ސޮފުހާގެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި އަހަރުގެ އިންތިހާބު ކާމިޔާބުކޮށް އަލަށް ހިންގާ ކޮމެޓީއާ ހަވާލުވި ފަރާތްތަކުން އެސޯސިއޭޝަނާ ހަވާލުވިތާ މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ފީބާ ލައިސަންސް އޮތް ދިވެހި ރެފްރީއަކާއި ފީބާ ކޮމިޝަނަރުން ވަނީ އުފައްދާފައި ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ކޯޗުން އުފެއްދުމަށް މިހާރު ވެސް ބާސްކެޓް އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

"ހިންގާ ކޮމިޓީގެ ބެލުމުގައި މިހާތަނަށް އެ އެސޯސިއޭޝަންގެ ކޯޗުންނާ ބެހޭ ގޮތުން ޤަވާއިދެއް ވެސް އެކުލެވިފައި ނެތުމާއި ލެވެލްތަކަށް ކޯޗުން ގެންދިއުމުގައި އެކި އުސޫލުތައް ގެންގުޅެފައިވާކަން ފާހަގަ ކުރެވޭ،" ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ބައެއް ފަހަރު ދެ ހަފްތާގެ މުއްދަތެއްގައި ނިންމަން ޖެހޭ ކޯސްތައް އަހަރު ދުވަސްވީއިރު ވެސް ނުނިމި އޮތުމުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އެމްބީއޭ އިން ކޯސްތައް އެކްރެޑިޓްކޮށްފައި ނުވުމާއި އަދި ބައެއް ކޯސްތަކުގައި ހަމައެކަނި ތިޔަރީ ބައި ކުރިޔަށް ގެންގޮސްފައިވާ އިރު އެނެއްބައި ކޯސްތައް ހަމައެކަނި ޕްރެކްޓިކަލް ބައި ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ބައިނަލްއަޤްވާމީ ފެންވަރުގެ ފީބާ ކޯޗިން ލައިސަންސް ކޯސްތަކުގައި ބައިވެރިވި ބައެއް ފަރާތްތަކަށް ޓެސްޓު ދީފައިވާ އިރު އަނެއް ބައި ފަރާތްތަކަށް ޓެސްޓު ދީފައި ނުވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
ފީބާ ކޯޗިން ލައިސަންސް އާއި ފީބާ ރެފްރީ ލައިސަންސް ލިބިފައި ވަނީ ހަމައެކަނި އެމްބީއޭގެ އޭރުގެ އިސް މުވައްޒަފުންނަށާއި އޭރުގެ ހިންގާ ކޮމެޓީގެ މެންބަރުންނަށް ކަން ވެސް އެބަޔާނުގައި ބުނެފައި ވާކަން ފާހަގަ ކޮށްލެވެ އެވެ.

ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ކަންކަން ކުރަމުން އަންނަ ގޮތްތަކަށް ފާޑުކިޔައި ރޭ ހަބަރެއް ޖެހިތާ 24 ގަޑި އިރު ވެސް ނުވަނީސް، ވަނީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ނަޒީމު އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ މަސައްކަތް ހުރި ގޮތުން ވަގުތު ނުދެއްވޭ ކަމަށް ވިދާޅުވެ އެވެ.