ޕްރެމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗަށް ފަހު، އެވަޓަންއާއި ސްޓޯކަށް ފާޑުކިޔުމުން ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް މައާފަށް އެދިއްޖެ އެވެ.

އެވަޓަންއާއި ލިވަޕޫލް ބައްދަލުކުރި ފޯރިގަދަ މެޗު 2-2 ލަނޑުން ނިމުނު ނަމަވެސް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ. އަދި މިމެޗުގެ އެންމެ ފަހު މިނެޓްގައި ލިވަޕޫލްގެ ލުއިސް ސުއަރޭޒް ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ރެފްރީ އޮފްސައިޑެއް ކަމަށް ދެއްކުމުން ލިވަޕޫލްގެ ގިނަ ކުޅުންތެރިންތަކެއް އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޖެރާޑް ބުނެފައި ވަނީ، ލިވަޕޫލްގެ ކުޅުމާ އަޅާ ބަލާއިރު، އެވަޓަންގެ ކުޅުން ހަޑި ކަމަށެވެ. އަދި އެވަޓަންއިން ކުޅެމުންދިޔައީ ބޮޑެތި ބޯޅަތަކެއް ލައިގެން ކަމަށް ވެސް ޖެރާޑް ބުނެފައިވެ އެވެ. މީގެ އިތުރުން ސްޓޯކްގެ ކުޅުމަށް ވެސް ޖެރާޑް ފާޑުކިޔާފައިވެ އެވެ. ނަމަވެސް މިހާރު ޖެރާޑްވަނީ އެކޮމެންޓަށް މައާފަށް އެދި، އެވަޓަން އެމެޗުގައި ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް ބުނެފަ އެވެ.

"އަހަރެން އަލުން އެމެޗު ބަލައިފިން. އަދި މިސީޒަނުގައި އެވަޓަންއާއި ސްޓޯކް ކުޅުނު އެހެން މެޗުތައް ވެސް ބަލައިފިން. އެމީހުންގެ ކުޅުން ރަނގަޅު. އަހަރެން ކުރިން އެހެން ބުނީ ކޮންމެހެން އެވަޓަން ކޯޗު އަދި ސްޓޯކްގެ ކޯޗަށް އިހްތިރާމް ނުކުރާތީއެއް ނޫން. އަހަރެން އެ ކޮމެންޓްތަކަށް މައާފަށް އެދެން." އުމުރުން 31 އަހަރުގެ ޖެރާޑް ބުންޏެވެ.

ޕްރެމިއާ ލީގުގައި ލިވަޕޫލް މިވަގުތު އޮތީ ބާރަ ވަނާގަ އެވެ. ލީގުގައި ލިވަޕޫލް ކުޅުނު ނުވަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، މޮޅުވެވިފައި ވަނީ އެންމެ ދެމެޗުންނެވެ.