31 Oct 2012, 22:50
ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އާއި ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔޫއެފާ) ހިންގަނީ ހަމަނުޖެހުންތައް ހިންގުމަށްކަމަށާއި ޔޫއެފާގެ ރައީސް މިޝެލް ޕްލެޓިނީއަކީ މާފިއާގެ ވެރިއެއް ކަމަށް ޕީއެސްޖީގެ ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗްގެ އެޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.
އުމުރުން 44 އަހަރުގެ ރައިއޯލާ ގަބޫލުކުރާ ގޮތުގައި، މީގެ އަހަރުތަކެއް ކުރިން އޭނާ ތަމްސީލްކުރަމުންދާ އިބްރަހިމޮވިޗްއަށް ފީފާ ބެލަންޑިއޯ އެވޯޑް ލިބެން ޖެހޭނެ ކަމަށެވެ.
މިއަހަރުގެ އެވޯޑް ދޭގޮތުން ފީފާއާއި ޔޫއެފާ އިދާރާގައި ކޮރަޕްޝަން ހުރި ވަރު ހާމަވެގެންދާނެ ކަމުގައި ވެސް ރައިއޯލާ ބުނެފައިވެ އެވެ.
"ފީފާ އަދި ޔޫއެފާއަކީ ހަމަ އެކައްޗެއް. އިބްރަހިމޮވިޗްއަށް ބެލަންޑިއޯ އެވޯޑް ނުލިއްބިއްޖެ ނަމަ، އެ އިދާރާގައި ކޮރަޕްޝަން ހުރި ވަރު އެނގިގެންދާނެ. ސީރިއަސް ގޮތެއްގައި ބަލާނަމަ، މިއެވޯޑް ލިބޭނީ ޒްލަޓަން އިބްރަހިމޮވިޗްއަށް. އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާ. މީގެ އަހަރުތަކެއް ކުރިންވެސް އޭނާއަށް އެއެވޯޑް ލިބުނީސް." ރައިއޯލާ ބުންޏެވެ.
ރައިއޯލާ ބުނި ގޮތުގައި، ފީފާ އަދި ޔޫއެފާގެ ކަންތައްތައް ކުރިއަށްގެންދަނީ ބޭރު ފެންނަ ގޮތެއްގައި ނޫންކަމަށެވެ.
"އެ އިދާރާތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޭރު ފެންނަ ގޮތަކަށް ނޫން. އެއިދާރާތަކާއި ވައްތަރީ މާފިއާއާއި. އަދި ޔޫއެފާގެ ރައީސްއަކީ މާފިއާގެ ވެރިއެއް. އޭނާ ފުޓްބޯޅައަށް އެއްވެސްކަމެއް ނުކޮށްދޭ." ރައިއޯލާ ބުންޏެވެ.
މާފިއާއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މާރާމާރީ ހިންގުމުންދާ އެންމެ ނުރައްކާތެރި ގޭންގްތަކަށް ހާއްސަކުރެވިފައިވާ ނަމެކެވެ. އެ ޖަމާއަތުގައި ހިމެނޭ މީހުންނަކީ ގިނަ ކުށްތަކެއް ކޮށްފައިވާ ބައެކެވެ.