31 Oct 2012, 22:10
ޓެކްސް އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ގުޅުން ބަދަހިކުރުމަށް ކޮމަންވެލްތުން އުފައްދާފައިވާ ޖަމިއްޔާ، އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓާސް(ކާޓާ)ގެ މެނޭޖުމަންޓް ކޮމެޓީ އަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ކާޓާ އަށް ރާއްޖެ އިންތިހާބުކޮށްފައި ވަނީ މި މަހު 14 ވަނަ ދުވަހު މޯލްޓާގައި އޮތް ކާޓާގެ 12 ވަނަ ޖެނެރަލް މީޓިންގްގައި ކަމަށެވެ.
ކާޓާގައި މީރާ ތަމްސީލުކުރައްވަނީ ޓެކްސް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރު ޖެނެރަލް ޔަޒީދު މުހައްމަދު ކަމަށް ވެސް މީރާ އިން ބުންޏެވެ.
ކޮމަންވެލްތު ގައުމުތަކުގެ ޓެކްސް އިދާރާތައް ޒަމާނީކޮށް ތަރައްގީ ކުރުމަށް 1978 ވަނަ އަހަރު އުފެއްދި، ކާޓާގެ މެނޭޖުކުރަނީ 14 ގައުމަކުން، ކޮންމެ ތިން އަހަރަކަށް އިންތިހާބު މެނޭޖުމަންޓް ކޮމެޓީއަކުންނެވެ.
މީރާ އިން ބުނީ ކާޓާ އަކީ ގައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ބޮޑު ޖަމިއްޔާ ކަމަށެވެ. އަދި ކާޓާގެ މެންބަރުންގެ ގޮތުގައި 49 ގައުމެއްގެ ޓެކްސް އިދާރާތައް ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.
ރާއްޖޭގެ އިތުރަށް މިދައުރަށް ކާޓާ އަށް އިންތިހާބުވެފައި ވަނީ، މީރާ އިން ބުނި ގޮތުގައި، އިނގިރޭސި ވިލާތް، ކެނެޑާ، އޮސްޓްރޭލާ، މެލޭޝިޔާ، އިންޑިއާ، މޮރިޝަސް، ބާބަޑޮސް، ކެންޔާ، ސްވާޒީލެންޑް، ނައިޖީރިއާ، މޯލްޓާ، ކެމެރޫން، އަދި ޕަޕުއާނިއުގިނީ އެވެ.