ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެކިއެކި ރަށްރަށަށް ލިބެމުން އަންނަ ގެއްލުންތަކާ ގުޅިގެން މިހާރު މިހާރަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް ދައުލަތުގެ ބަޖެޓުން 10 މިލިއަން ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރުއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން އިއުލާން ކުރެއްްވީ މިހާރު ކުރަމުންދާ ވިއްސާރާގައި ހޯރަފުއްޓަށް ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް އެ ރަށަށް ވަޑައިގަތުމަށް ފަހު މިރޭ އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

"އަޅުގަނޑު މިއަދު ނިންމައިފިން ސަރުކާރުގެ ބަޖެޓުން މިހާރުން މިހާރަށް ބޭނުންވާ ހަރަދުތައް ކުރުމަށް ޓަކައި 10 މިލިއަން ރުފިޔާ ކަނޑައަޅަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށްތަކަށް ލިބިފައިވާ ގެއްލުތަކާ ގުޅިގެން ރަށްތަކަށް އެހީވުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކާއި ޑިޒާސްޓާ މެނޭޖްމަންޓްގެ ޓީމުތަކުގެ އިތުރުން އެމްއެންޑީއެފާއި ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ކާޑުގެ ބާވާތްތައް ބޭނުންވާ ރަށްތަކަށް އެސްޓިއޯ އިން ކާޑު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އުތުރުގެ ބައެއް ރަށްތަކަށް މިހާރު ވެސް ކާޑުގެ ބާވާތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ފެން ތަޣައްޔަރުވުމާ ގުޅިގެން ސާފު ބޯފެން ލިބޭނެ ގޮތް ހެދުމަށް ކޯލޯރިންނާއި ޑިޓޯލް ފަދަ ތަކެއްޗާއި އަދި ނިދޭނެ ގޮތް ނެތިފައި ތިބި މީހުނަށް ގޮދަޑި ފަދަ ތަކެތި މިހާރުން މިހާރަށް ވެސް ފޮނުވަން ޖެހިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ގޮދަޑި މިރޭގެ ވަގުތެއްގައި ބައެއް ރަށްތަކަށް ފޮނުއްވާނެ ކަމަށެވެ.

"މިހާރު އެސްޓިއޯ އިން އުތުރުގެ ބައެއް ރަށްތަކަށް ފޮނުވައިފި 150 ބަސްތާ ހަނޑުލާއި 150 ބަސްތާ ފުށާއި 100 ބަސްތާ ހަކުރު މިހާރު ވަނީ ފޮނުވިފައި. އަދި މިރޭގެ ވަގުތެއްގައި އިތުރަށް ބޭނުންވާ ގޮދަޑި އާއި ބައެއް ތަކެތި މާލެއިން ފޮނުވޭނެ. ރޭގެ ވަގުތެއްގައި ވަނީ ބޯފެނާއި ކޮލަރިންނާއި މިފަދަ އެއްޗެހި ފޮނުވާފައި،" ރައީސް ވިދާޅުވި އެވެ.

ދެ ދުވަހެއް ކުރިން ރާއްޖެ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ގާތްގަނޑަކަށް 24 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރައީސް ޑރ. ވަހީދު މިރޭ ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ހއ. ހޯރަފުށީގެ 100 އަށް ވުރެ ގިނަ ގެއަކަށް ވިއްސާރައިގެ އަސަރު ކޮށްފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އޭގެ ސަބަބުން ކައްކާކައިބޮއި ނުޅޭވޭ ވަރަށް ގެއްލުން ލިބިފައި އެބަހުރި. އަދި ހިފައިގެންގުޅޭ ތަކެތި ހަލާކުވުމާއި ފަރުނީޗަރާއި ގޮދަޑިތައް ހަލާކުވުމުގެ ސަބަބުން ނިދޭނެ ގޮތް ނެތިފައި ހުރި ގޭގެ ވެސް އެބަހުރި،" ރައީސް ފާހަގަ ކުރެއްވެވި އެވެ.

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުންގެ ގޮތުން ދެ ބޭފުޅަކު އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވައިފަ އެވެ.

ދެކުނުގެ ބައެއް ރަށްތަކަށް ފޮނުއްވުމަށް ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒާ އިބްރާހީމް ލުތުފީ އެވެ. އަދި އުތުރަށް ފޮނުއްވުމަށް ހަމަޖެއްސެވީ ހޯމް ނައިބު މުހައްމަދު ސަލީމެވެ.