31 Oct 2012, 20:13
މާދަމާ އިން ފެށިގެން ހަތަރު މެޖިސްޓްރޭޓަކު ވަޒީފާ އިން މުސްކުޅި ކުރަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
މާދަމާ އިން ފެށިގެން ވަޒީފާ އިން މުސްކުޅިކުރަން ނުވަތަ ރިޓަޔާ ކުރަން ނިންމާފައިވާ މެޖިސްޓްރޭޓުންނަކީ ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އެ ރަށު މުސްތަރީގޭ ހުސެއިން އާއި، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ ތުނޑި ސެކްޝަންގެ މެޖިސްޓްރޭޓް ލ. މާމެންދޫ ހިތައްފިނިވައިގޭ އަބްދުﷲ އަފީފު އާއި މ. ވޭވަށު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ތ. ތިމަރަފުށި އުތުރުގޭ މުހައްމަދު އިބްރާހިމްގެ އިތުރުން ހދ. ކުރިނބި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހދ. ކުޅުދުއްފުށީ ނިއުހޯޕް އަބޫބަކުރެވެ.
ޖޭއެސްސީގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ އެ ބޭފުޅުން މާދަމާ އިން ފެށިގެން ވަޒީފާ އިން މުސްކުޅި ކުރަން ނިންމީ ބަލި ހާލު ހުރި ގޮތުންނާއި، ޞިއްިޙީ ތަފާތު މައްސަލަތަކުގެ ސަބަބުން ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމަށް އަމިއްލަ ފުޅަށް އެދިލައްވާފައި ވާތީ ކަމަށެވެ.
އެ ހަތަރު ފަނޑިޔާރުން ވަޒީފާ އިން މުސްކުޅި ކުރަނީ "ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް ވަކިވާން ބޭނުން ފަނޑިޔާރުންނަށާއި 55 އަހަރު ނުވިނަމަވެސް ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކޮށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ ދަށުންނެވެ.