31 Oct 2012, 20:08
މިއަހަރުގެ ޖުލައި މަހުގެތެރޭގައި ކ.ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ވަޅިޔަކުން ހަމަލާދީ ފުލުހެއް މަރާލިމައްސަލާގައި ހައްޔަރުކޮށްފައިވާ ސަމާހުގެ ވައްކަމުގެ މައްސަލައެއްގެ ތަހުގީން ނިންމައި ދައުވާކުރުމަށް ޕިޖީއަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަދުވަހު ކ.ކާށިދޫ ސުވާސާގެ، މުޙައްމަދު ސަމާޙު 22، ގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިއަހަރުގެ މެއި މަހުގެ ހަތަރު ވަނަދުވަހު ކާށިދޫ ލިލީމާގެއަށް ވަދެ މާރާމާރީ ހިންގައި ވައްކަންކުރަން އުޅުނު މައްސަލައެއްގަ އެވެ.
ސަމާހުގެ ވައްކަމުގެ މައްސަލައެއްގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާއިރު އޭނާ މިހާރުވެސް ވަނީ ފުލުހުންގެ ބެލުމުގެދަށުގަ އެވެ. ޕޮލިސް ލާންންސް ކޯޕްރަލް އާދަމް ހަލީމް (އެޑަމް) މަރާލި މައްސަލައިގެ ޝަރީއަތް މިހާރުވެސް ދަނީ ކްރިމިނަލް ކޯޓުގައި ކުރިއަށެވެ.
އޭނާ އެޑަމްއަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ އޭނާ ގޭ ބަންދުކޮށްފައިހުއްޓާ ބޭރަށް ނުކުމެ އުޅެނިކޮށް އާދަމް ހަލީމަށް ފެނިގެން އޭނާއާ އެކު ޕޮލިސް ސްޓޭޝަނަށް ދިއުމަށް އެދުމުންނެވެ. އަދި ސަމާހު އެވަގުތުހުރީ މަސްތުވެގެން ކަމަށްވެސް ފުލުހުން ބުންޏެވެ.