31 Oct 2012, 20:01
ސައުދީ އަރަބިއްޔާގައި ކައިވެނީގެ ރަސްމިއްޔާތެއް ބާއްވަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި 25 މީހުން މަރުވެ 30 މީހުން ޒަޚަމްވެއްޖެ ކަމަށް ސައުދީ މީޑިޔާގެ ރިޕޯޓްތައް ބުނެއެވެ.
ސައުދީ އަރަބިއްޔާގެ އަބްޤައިޤް ސަރަޙައްދުގެ އައިން ބަދްރް އަވަށުގެ ގެއެއްގެ ތެރޭގައި އަލިފާން ރޯވެ އަނދައިގަތް ވަގުތު އެގޭގެ ގޯތި ތެރޭގައި 100 ވަރަކަށް މީހުން ތިބި ކަމަށް ވެއެވެ.
ކައިވެނީގެ ރަސްމިއްޔާތުގެ ބަޑިބޭހުގެ ކުޅިވަރުތަކުގައި ބޭނުން ކުރި ބަޑިބޭސް، އެތަނުގައި އޮތް، ވަރަށް މަތީ ވޯލްޓޭޖެއްގެ ކަރަންޓު ހުރި ކޭބަލެއްގައި ޖެހި ކަނި ބުރާން ފެށުމަށް ފަހު އަލިފާން ރޯވި ކަމަށާއި އަދި ގެއިން ނުކުމެވޭން ހުރި މައުދަނީ ދޮރުގައި މި ކަރަންޓު ކޭބަލް ޖެހިފައި އޮތުމުގެ ސަބަބުން އެ ދޮރުން ނުކުންނާން އުޅުނު އެތައް ބަޔަކު ކަރަންޓުގައި ޖެހުނު ކަމަށް ވެސް ވެއެވެ.
މަދަނީ ސަލާމަތީ އިދާރާގެ މަސްދަރުތަކުން އަލްއަރަބިއްޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި ގިނައިން މަރުވެފައި ވަނީ އަންހެނުންނެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ފިރިހެނުންނާއި ކުޑަ ކުދީން ވެސް މަރުވެފައިވާ ކަމަށް އެ އިދާރާއާ ހަވާލާދީ އަލްއަރަބިއްޔާއިން ބުނެއެވެ.
މި ހާދިސާގައި ޒަޚަމްވި މީހުން ވަނީ އަރަމްކޯ އާއި އަބްޤައިޤްގެ މަރުކަޒީ ހަސްފަތާލުތަކަށް ގެންދެވިފައެވެ. މަދަނީ ސަލާމަތީ އިދާރާގެ ތަރުޖަމާނު ކާނަލް މުޙައްމަދު އަލްއަޖަމީ ވިދާޅުވި ގޮތުގައި މި ހާދިސާ ތަހުގީގު ކުރާން އިރުމަތީ މަންޠިޤާގެ ގަވަރުނަރު ވަނީ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައެވެ.