އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޖަވާބު ދާރީ ކުރުވުމުގެ ބާރު ގާނޫނީ އިމުގެ ތެރެއިން ލިބިގެންނުވާ ކަމަށް ބުނެ އެ ކޮމިޝަނުން އަނެއްކާވެސް އެކަން ހަނދާން ކޮށްދީފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާ ބައްލަވައި ތިން ފަނޑިޔާރުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 9:00 ޖަހާއިރަށެވެ.

ތިން ފަނޑިޔާރުން ކޮމެޓީ އަށް ހާޒިރު ކުރުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ޖޭއެސްސީން ނެރުނު ނޫސް ބަޔާނުގައި ބުނަނީ އެ ތިން ފަނޑިޔާރުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރަން އުޅެނީ ފަނޑިޔާރުންގެ ގާނޫގެ ނުވަ ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

ގާނޫނު ނަމްބަރު 13/2010 (ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ ނުވަ ވަނަ މާއްދާގައި ބުނަނީ ފަނޑިޔާރަކު އޭނާގެ މަގާމުގެ މައްސޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރަޢުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާއި ގުޅިގެން ނުވަތަ ކުރި ހުކުމަކާއި ގުޅިގެން ގާނޫނު އަސާސީ އާ ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފު ކުރުމުގެ އުސޫލު ތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫކާ ބެހޭގޮތުން ފިޔަވަޅު އެޅުމަށް ގަނޫނު އަސާސީއާއި ގާނޫނުގައި ބަޔާންވެގެންވާ އުސޫލު ތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބު ދާރީ އެއް ނުކުރުވޭނެ ކަމަށެެވެ.

"ސްޕްރިމް ކޯޓުގެ އެއްވެސް ރޫލިން އެއްގައިވެސް ނުވަތަ ނިންމުމެއްގައިވެސް ފަނޑިޔާރުން ޖޭއެސްސީ ފިޔަވާ އެހެން ފަރާތެއްގައި ޖަވާބުދާރީ ކުރުވިދާނެ ކަމަށްވެސް ބުނެފައެއް ނެތް. އަދި ގާނޫނު އަސާސީއާ ހެދިފައިވާ ގާނޫނު ތަކުގެ ބޭރުން އެއްވެސް ފަރާތަކުންކުރާ އެއްވެސް އަމުރަކަށް އެއްވެސް ފަނޑިޔާރަކު ތަބާވާން ނުޖެހޭނެ ކަމަށާއި، ފަނޑިޔާރުން އަމަލު ކުރަންވާނީ ގާނޫނު އަސާސީ އާ ގާނޫނު ތަކުގެ އިމުގެ ތެރޭގައި ކަމަށްވެސް ބުނެފައިވޭ،" އެބަޔާނުގައި ވެއެވެ.

އެހެންކަމުން ގާނޫނު އަސާސީ އާއި ގާނޫނުގެ ހުކުމް ދެމެހެއްޓުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވުމަށް އެ ބަޔާނުގައި ވަނީ އެދިފަ އެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނުން ބޭރުން ކުރާ އަމުރަކަށް ތަބާވާން ނުޖެހޭނެ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް ސްޕްރީމް ކޯޓުން ވެސް އަދި ޖޭއެސްސީން ވެސް ބަޔާން ނެރެ ބުނެފައި ވަނީ އެކި ފަރާތްތަކަށް ފަޑިޔާރުން ޖަވާބުދާރީ ކުރުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ. މިއީ އެ ކޮމެޓީ އަށް ފަނޑިޔާރުން ހާޒިރު ކުރަން އެންގި ތިންވަނަ ފަހަރެވެ.