31 Oct 2012, 18:00
ރައްޔިތުން މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުގެ އާންމު ކޮމެޓީން ނިންމި ނިންމުން ބާތިލްކަމަށް މަޖިލީހަށް ގާނޫނީ ލަފާ ދެއްވައި، މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ އެ ކޮމެޓީއަށް ލަފާދެއްވައިފި އެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އެ ނިންމުން ބާތިލް ކަމަށް ފިލްޒާ ނިންމަވާފައިވަނީ އެ ނިންމުން ނިންމުމަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ޖަލްސާ ބާއްވާފައިވަނީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަމަށްވާތީ ކަމަށާއި މުގައްރިރުވެސް އަދި ނައިބު މުގައްރިރުވެސް ނެތި ޖަލްސާ ނުބޭއްވޭނެ ކަމަށް ލަފާދީފައިވާ ކަމަށެވެ.
"އެހެންވީމައި އަލުން ޖެހެނީ އެ މައްސަލަ ކޮމެޓީއަށް އެޖެންޑާކޮށްގެން ކުރިއަށް ގެންދަން،" މެންބަރު ވިދާޅުވި އެވެ.
ކައުންސިލް ޖެނެރަލް އެ މައްސަލައިގައި ލަފާ ދެއްވީ އެ ކޮމެޓީ ބައްދަލުވުން ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ ކޮމެޓީގެ ނައިބު މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އެ މައްސަލަ ކައުންސިލް ޖެނެރަލަށް ހުށަހެޅުއްވުމުންނެވެ. ކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، އަބްދުއްރަހީމް އަބްދުﷲ ރަށުގައި ނޫޅުއްވާތީ އެ ކޮމެޓީގެ ހުރިހާ ކަމެއް ގަވާއިދުގައިވާ ގޮތުގެ މަތިން ބަލަހައްޓަވަމުން ގެންދަވަނީ އާމިރު އެވެ.
ނަމަވެސް އަންގާރަ ދުވަހު ބޭއްވި ކޮމެޓީގެ ޖަލްސާއަށް އާމިރު ރަށުން ބޭރުގައި ހުންނެވުމުން ހާޒިރުވެ ވަޑައިގެންފައެއްނުވެ އެވެ. އެ ދުވަހު އެ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވީ، ކޮމެޓީގެ މެންބަރު ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އަދި އެމްޑީޕީން ހުށަހެޅި އެ އިސްލާހު ފާސްވީ އޭރު ކޮމެޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަގުލަބިއްޔަތުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮމެޓީގެ މުގައްރިރު ނެތް ހާލަތެއްގައި މުގައްރިރުގެ ޒިންމާތައް އުފުއްލަވަން ޖެހެނީ ނައިބު މުގައްރިރެވެ.
އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން އެމްޑީޕީން މަސައްކަތް ކުރަނީ ހޯމް މިނިސްޓާ، ޑރ. މުހަންމަދު ޖަމީލް އަހުމަދާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑޜ. މުހަންމަދު ވަހީދު ހަސަން މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގަ އެވެ. ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ މަހުގެ 14 ވަނަ ދުވަހަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.