އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން، އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ 25 ޑޮލަރާއި އަދި އިންޝްއަރެންސްގެ ދެ ޑޮލަރު ސަރުކާރަށް ދައްކާ ކޮންސެޝަން ފީން އުނިކުރުމުން، ޖީއެމްއާރުން ސަރުކާރަށް ދައްކަން ޖެހޭ ކޮންސެޝަން ފީއަށް ވުރެ އުނިކުރަން ޖެހޭ އަދަދު ބޮޑުވެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 3.8 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން ޖެހިއްޖެ އެވެ.

މިދިޔަ ކުއާޓާގައިވެސް އޭޑީސީ އާއި އިންޝްއަރެންސް ޗާޖް ކޮންސެޝަންފީން އުނިކުރުމުން އެމްއޭސީއެލް އިން ޖީއެމްއާރަށް 1.5 މިލިއަން ޑޮލަރު ދައްކަން ވަނީ އަންގައިފަ އެވެ.

އެމްއޭސީއެލްއިން މިއަދު އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން ވޭތުވެ ތިން މަސްދުވަހުގެ ކޮންސެޝަންފީގެ ގޮތުގައި ޖީއެމްއާރުން 5.2 މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ދޭން ޖެހެ އެވެ. އެއީ ފިއުލް ކޮންސެޝަންގެ 4.9 މިލިއަން ޑޮލަރާއި ވެރިއަބުލް ކޮންސެޝަންފީއަށް ދައްކަން ޖެހޭ 277،755 ޑޮލަރެވެ.

ނަމަވެސް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 27 ޑޮލަރުގެ މަގުން ޗާޖް ކުރުމުން އާމްދަނީގެ ގޮތުގައި ޖީއެމްއާރަށް 7.5 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެމްއޭސީއެލްއިން ބުނީ ޖީއެމްއާރުން އެ ކުންފުންޏަށް މިއަދު އަންގާފައިވަނީ 27 ޑޮލަރު ޗާޖް ނުކުރެވޭތީ އެ އަދަދު ކޮންސެޝަންފީއިން ކެނޑުމަށް ފަހު އިތުރަށް އަރާ 2.2 މިލިއަން ޑޮލަރު ދެއްކުމަށެވެ. އަދި އެއާ އެކު މީގެ ކުރިން ނުދައްކާ އޮތް 1.5 މިލިއަން ޑޮލަރާއި އެކު ޖުމްލަ 3.7 މިލިއަން ޑޮލަރު، 57.10 މިލިއަން ރުފިޔާ ދެއްކުމަށް އަންގާފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ހަތާވީސް ޑޮލަރުގެ ޗާޖެއް އެއާޕޯޓުން ޖީއެމްއާރަށް ނުނެގެނީ މިއަހަރުގެ ކުރީކޮޅު އެ ފައިސާ ނުނެގޭނެ ކަމަށް ބުނެ ސިވިލްކޯޓަކުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެ މައްސަލަ ޖީއެމްއާރުން މިހާރު ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނަށްވެސް ހުށަހަޅައިފަ އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ނޫނީ ފުރަތަމަ ކުއާޓާގައި ކޮންސެޝަންފީގެ ގޮތުގައި 8.7 މިލިއަން ޑޮލަރު ދައްކަން ޖެހުނު ނަމަވެސް އެ ފައިސާ އުނިކުރުމަށްފަހު ޖީއެމްއާރުން ދައްކާފައި ވަނީ 25،355.00 5 ޑޮލަރެވެ. ކޮންސެޝަންފީއިން އޭޑީސީ އުނިކުރުމަށް ކުރީގެ އެމްއޭސީއެލްގެ ބޯޑުން ނިންމި ނިންމުން އާ ބޯޑުން ބާތިލް ކުރުމަށް ފަހު އެއް ފަހަރަށްވުރެ ގިނަ ފަހަރު އެކަން ވަނީ އެ ކުންފުނިން ޖީއެމްއާރަށް އަންގައިފަ އެވެ.