31 Oct 2012, 17:25
ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީއަށް މިއަހަރުގެ ދެ ވަނަ ކުއާޓާގައި ކުރި މަތިވި ގެއްލުމަށް ވުރެ މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ކުރިމަތިލާން ޖެހުނު ގެއްލުން ބޮޑުވެ އެ ކުންފުންޏަށް މިދިޔަ ތިން މަހު 1.1 މިލިއަން ޑޮލަރު (17.6 މިލިއަން ރުފިޔާ)ގެ ގެއްލުމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެމްޓީޑީސީން އިއްޔެ ވަނީ އެ ކުންފުނީ މިދިޔަ ތިން މަސްދުވަހުގެ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ.
ހިސާބުތަކުން ދައްކާގޮތުން އެ ކުންފުންޏަށް ވަނީ މިދިޔަ ތިން މަސްދުވަހު އާމްދަނީގެ ގޮތުގައި 4.5 މިލިއަން ޑޮލަރު (69.9 މިލިއަން ރުފިޔާ) ލިބިފައިވާއިރު އެ މުއްދަތުގައި އެ ކުންފުންޏަށް ވަނީ ޖުމްލަ ފައިދާގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ)، ލިބިފަ އެވެ. ނަމަވެސް ވިޔަފާރީގެ ގެއްލުމަށް ކެނޑުމުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނެތެވެ. އެ ކުންފުންޏަށް ކުރިމަތިލާން ޖެހުނީ 1.1 މިލިއަން ޑޮލަރު، 17.6 މިލިއަން ރުފިޔާގެ ގެއްލުމަކާ އެވެ. އެއީ އެ ކުންފުނީގެ ހިއްސާއަކަށް 0.36 ސެންޓް، (5.5ރ.) ގެއްލުން ޖެހޭވަރުގެ އަދަދެކެވެ.
މިދިޔަ ކުއާޓާގައިވެސް އެ ކުންފުންޏަށް ގެއްލުމާ ކުރިމަތިވިޔަސް އެ ކުއާޓާގައި އެ ކުންފުންޏަށް ގެލުންވެފައިވަނީ 712،437 ޑޮލަރެވެ. އެއީ 10.10 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާއަކުން 3.5ރ. ގެއްލުމެކެވެ.
މިއަހަރުގެ ދެ ވަނަ ކުއާޓާއާ އަޅާބަލާއިރު މިދިޔަ ތިން މަހު އެ ކުންފުންޏަށް ލިބުނު ގެއްލުމަކީ 427،406 ޑޮލަރު (6.6 މިލިއަން ރުފިޔާ) އިތުރު އަދަދެކެވެ.
އެމްޓީޑީސީއަށް މިދިޔަ އަހަރުވެސް ނިންމާލަން ޖެހުނީ 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާގެ) ގެއްލުމާ އެކު އެވެ. އެއީ ހިއްސާއަކަށް 1.21 ޑޮލަރު، (18.7ރ)ގެއްލުމެކެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރުވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއްނުލިބުނެވެ.