10:00


އައިޖީއެމްއެޗް ހިންގުމަށް އިންޑިޔާގެ އެޕޯލޯ ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ހެލްތް މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކޮށްފި އެވެ.


އެޕޯލޯއާއެކު ހެލްތް މިނިސްޓްރީން ވެފައިވާ އެ އެއްބަސްވުމުގައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ހިންގުން އެޕޯލޯއާ ހަވާލުކުރުމަށާއި އައިޖީއެމްއެޗްގެ ފެންވަރު ރަނގަޅުކޮށް އެތަނުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.


އައިޖީއެމްއެޗް ހިންގުން އެޕޯލޯއާ ހަވާލުކުރުމަށް ހެލްތް މިނިސްޓްރީން އެޕޯލޯއާ އެކު ވެފައިވާ މިއެއްބަސްވުން އެ މިނިސްޓްރީން އާއްމުކޮށްފައި މިވަނީ އެޕޯލޯއާއެކު ވެފައިވާ އެ އެއްބަސްވުން ސަރުކާރުން އާއްމުނުކުރަނީ އެކަމުގެ އަޑީގައި ފޮރުވިފައިވާ ކަންތައްގަނޑެއް ވާކަމަށް ބައެއް ސިޔާސީ ޕާޓީޔަކުންނާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައި ވަނިކޮށެވެ. އަދި އެ އެއްބަސްވުމާ ބެހޭ ކޮޕީއެއް ހޯދުމަށް ބައެއް މީޑިޔާތަކުންނާ ސިޔާސީ ބައެއް ޕާޓީތަކުންވެސް އެދިފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ.