31 Oct 2012, 16:40
ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުމުން ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާދެއްވި ޑރ. އަހުމަދު ޝަހީދު ވަޒީރުކަމުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވައި މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ވާހަކަފުޅު ދައްކަވައިފި އެވެ.
ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޑރ. ސަމަދު މިއަދު ވިދާޅުވީ ޑރ. ޝަހީދު ވަޒީރުކަމުގައި ދިވެހި ހާޒިޖިއްޔާ އަށް ރަނގަޅު ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހާރިޖީ ވުޒާރާއާ ހަވާލުވެވަޑައިގެން ހުންނެވި އިރު، "ފޮރިން ސާވިސް އެކްޓް" އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެއީ "މިހާރުން މިހާރަށް" ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށް ސަމަދު ވިދާޅުވި އެވެ.
ސަމަދު ކޮމެޓީ އަށް ހާޒިރު ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ އެކު ސަފީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންތަކެއް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މައްސަލަ ސާފު ކުރުމަށެވެ. ސަމަދު ވިދާޅުވީ ފެބްރުއަރީ 7، 2012ގެ "ކަންތައްކަނޑަށް ފަހު" ފަސް ސަފީރަކު މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ. އެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން އިސްތިއުފާ ދެއްވީ "ކުއްލިއަކަށް" ވެރިކަން ބަދަލުވުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ސަމަދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ސަފީރުކަމުން އިސްތިއުފާދެއްވީ ފަރަހަނާޒް ފައިސަލް އާއި އަބްދުލްޣަފޫރު މުހައްމަދާއި އަހުމަދު ލަތީފާއި އަހުމަދު ރަޝީދުގެ އިތުރުން އަލީ ހުސައިން ދީދީ އެވެ.
ސަމަދު ވިދާޅުވީ ވެރިކަން ބަދަލުވުމާ ގުޅިގެން އަބަދު ވެސް ސަފީރުން އިސްތިއުފާދެއްވާ ކަމަށާއި އެގޮތުން ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމުން 12 ބޭފުޅަކު ސަފީރުކަމުން އިސްތިއުފާދެއްވި ކަމަށެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވަނީ ކެރިއާ ޑިޕްލޮމެޓުން ގޮތުގައި ތިއްބަވާ ބޭފުޅުން އިސްތިއުފާ ދެއްވަމުން ގެންދަވާތީ އެ މައްސަލަ ހައްލު ކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރާ މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރުމާ ގުޅޭ ގޮތުން މެންބަރުން ވަނީ ފޮރިން މިނިސްޓަރަށް ލަފާ އަރުވާފަ އެވެ.