ސްޕެނިޝް ލަލީގާގެ އެއްވަނާގައި އޮތް ބާސެލޯނާ އަށް އާންމު ގޮތެއްގައި ކުޅެން ބޭނުންވާ ކަމަށް އެކުލަބުގެ ސްޕެއިން ފޯވާޑް ޑޭވިޑް ވިޔާ ބުނެފި އެވެ.

ކޮޕާ ޑެލް ރޭގައި އަލަވެސް އާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި ބާސާ އިން ކާމިޔާބުކުރި ތިން ގޯލްގެ ތެރެއިން އެއް ގޯލް ކާމިޔާބުކުރީ އުމުރުން 30 އަހަރުގެ ފޯވާޑް ވިޔާ އެވެ. ބޮޑު އަނިޔާއަކަށް ފަހު، އެނބުރި ކުޅުމަށް އައުމަށް ފަހު ބާސާގެ ޓީމުން ވިޔާ ފެންނަމުންދަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

"އެހެން ކުޅުންތެރިންނެކޭ އެއްފަދައިން އަހަރެން ވެސް ބޭނުންވަނީ ވީހާ ވެސް ގިނަ މެޗެއް ކުޅެން. އަހަރެން ކުޅެމުން މިދަނީ ދުނިޔޭގެ އެންމެ މޮޅު ކްލަބަށް. އެހެންކަމުން ޓީމުން ޖާގަ ހޯދުމަކީ އުނދަގޫ ކަމެއްކަން އަހަރެންނަށް އެނގޭ. އަހަރެމެންނަށް ގިނަ މެޗުތަކެއް އެބަހުރި. އަދި ގިނަ މުބާރާތްތަކެއް ވެސް ކުރިއަށް އެބަހުރި." ވިޔާ ބުންޏެވެ.

ސްޕެނިޝް ލަލީގާގައި އަންނަ ހޮނިހިރު ދުވަހު ބާސާ ބައްދަލުކުރަން ޖެހޭނީ ލީގުގެ ތޭރަ ވަނާގައި އޮތް ސެލްޓަ ވިގޯއާ އެވެ. ބާސާގެ އަމިއްލަ ދަނޑުކަމަށްވާ ކޭމްޕް ނޯގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގަޑިން 22:00ގަ އެވެ.