ދިމިޝްޤު (އޮކްޓޯބަރ 31): ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކުގެ ޒިންމާ އުފުލަން ޖެހޭނީ ގަލްފުގެ ޢަރަބި ޤައުމުތަކާއި ތުރުކީން ކަމަށް ސޫރިޔާ ސަރުކާރުން ބުނެފި އެވެ.

ސޫރިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ޖިހާދު މަޤްދިސީ މިއަދު ވިދާޅުވީ ސޫރިޔާގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރި ފަރާތްތަކަށާއި އެއަށް ފަހު އުފެދިގެންދިޔަ އިދިކޮޅު ހަނގުރާމަވެރިންނަށް ހިއްވަރުދީ ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަތިޔާރު ބޭނުންކޮށްގެން '"ބަޣާވާތް" ކުރުމަށް އެހީތެރިވެ ވާގިވެރިވެދިނީ ގަލްފުގެ ޢަރަބި ޤައުމުކާއި ތުރުކީން ކަމުގަ އެވެ.
މި ދެ ފަރާތުގެ އިތުރުން ޔޫރަޕްގެ ޤައުމުތަކާއި އެމެރިކާ ވެސް ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށާއި މިޤައުމުތަކުން ވެސް ސޫރިޔާގައި ހަމަނުޖެހުން ހިންގައި ސަރުކާރާދެކޮޅަށް ހަތިޔާރު އުފުލާފަރާތްތަކަށް ހިއްވަރުދީ ވާގިވެރިވަމުންދާ ކަމަށް ސޫރިޔާ ސަރުކާރުގެ ތަރްޖަމާން ވިދާޅުވި އެވެ.

އަދި ސޫރިޔާގެ ރައްޔިތުންނަކީ ޒަމާނުއްސުރެ ވެސް ހަމަޖެހިގެން އުޅުނުބައެއް ކަމަށާއި ނަމަވެސް ބޭރުގެ ފަރާތްތައް އަޑީގައި ތިބެގެން އުފެއްދި ފިތްނައިގެ ސަބަބުން ރައްޔިތުންގެ ލޭއޮހޮރި ސޫރިޔާ ހަލާކުވަމުންދާ ކަމަށް ވެސް ޖިހާދު މަޤްދިސީ ވިދާޅުވި އެވެ. ސޫރިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާން މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ތުރުކީގެ ޚާރިޖީ ވަޒީރު އަހްމަދު ދާވޫދު ވަނީ ސޫރިޔާގެ ރައްޔިތުން "ކަތިލުމުގައި" ރައީސް ބައްޝާރުލްއަސަދް ކުރިޔަށް ވަޑައިގަންނަވާ ކަމަށް ތުހުމަތުކުރައްވާފައިފަ އެވެ.

އަނެއްކޮޅުން ސޫރިޔާ އިން ލިބޭ ޚަބަރުތައް ބުނާ ގޮތުން އެޤައުމުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ވެރިރަށް ދިމިޝްޤުގެ ޖޫބަރު އަވަށަށް އިއްޔެ ވަނީ ޢަސްކަރީ މަތިންދާބޯޓުތަކުން ވަރުގަދަ ޙަމަލާތަކެއްދީފަ އެވެ. މިޙަމަލާތަކުގައި 123 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވިކަމަށް ރިޕޯޓްތައް ބުނެ އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ޓަކައި ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރުން މިހާރު ބޮޑަށް ބޭނުންކުރަމުންގެންދަނީ ބަރުހަތިޔާރުކަމަށް މުރާސިލުން ބުނެ އެވެ. މީގެތެރޭގައި ފައިޓަރ ޖެޓާއި ޢަސްކަރީ ހެލިކޮޕްޓަރުތައް ވެސް ހިމެނެ އެވެ.

މިދިޔަ ހޯމަ ދުވަހު ދިމިޝްޤުގައި ވަނީ ބާރުގަދަ ކާރުބޮމެއް ގޮއްވާލާފަ އެވެ. މިބޮމުގެ ޒިންމާ ސަރުކާރުން އަޅުވާފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބޮލުގަ އެވެ. މީގެއިތުރުން އިއްޔެވަނީ ސޫރިޔާ ސިފައިންގެ ޖެނެރަލެއް ކަމަށްވާ ޢަބްދުﷲ މަޙްމޫދް އަލްޚާލިދީވެސް އަވަހާރަކޮށްލާފަ އެވެ. މިޙަމަލާގެ ޒިންމާ އުފުލާފައި ވަނީ "ރުކްނިއްދީން މާޓީސް ބްރިގޭޑް"ގެ ނަމުން ނަންދީފައިވާ ސޫރިޔާގެ ޖަމާއަތަކުންނެވެ. މިޖަމާއަތަކީ ސޫރިޔާގެ ހަނގުރާމަވެރިންގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ފްރީ ސީރިޔަން އާމީ އަށް ނިސްބަތްވާ ޖަމާއަތެއް ކަމަށްވެ އެވެ.