31 Oct 2012, 16:00
ވޮޝިންޓަން (އޮކްޓޯބަރ 31): އެމެރިކާ އަށް އިއްޔެ ރޭ އެރި ސޭންޑީ ތޫފާންގައި 35 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވާ އިރު ލިބުނު މާއްދީ ގެއްލުންތައް ވަރަށް ބޮޑުކަމަށް އެޤައުމުން ބުނެފި އެވެ.
ނިޔުޔޯކްގެ މޭޔަރު މައިކަލް ބްލޫމްބާގް ވިދާޅުވި ގޮތުގައި 12 ސްޓޭޓަކަށް ނުސީދާ އަސަރުކުރި އަދި ހަތް ސްޓޭޓަކަށް ސީދާ އަސަރުކުރި މިތޫފާންގެ ގެއްލުން އެންމެ ބޮޑަށް ލިބުނީ ނިޔުޔޯކަށެވެ. ނިޔުޔޯކްގެ މަދަނީ އިންފްރާސްޓްރަކްޗާ ވަނީ މިތޫފާންގެ ސަބަބުން ކުރިން ލަފާކޮށްފައިވާ ވަރަށްވުރެ ވެސް ބޮޑަށް ހަލާކުވެފަ އެވެ. އެއްސްޓޭޓަކުން އެންމެ ގިނައިން މީހުން ވެސް މަރުވެފައި ވަނީ ވެސް ނިޔުޔޯކުންނެވެ. އެސްޓޭޓުން 18 މީހުން މަރުވެފައިވާ އިރު އިތުރުބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރެވިފައިވެ އެވެ. ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ނިއުޖާސީ އަށެވެ.
ނިޔުޔޯކަށާއި ނިއުޖާސީ އަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމުން ރައީސް ބަރަކް އޮބާމާ ވަނީ އެ ދެ ސްޓޭޓަކީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ދެ ސްޓޭޓް ކަމަށް އިޢްލާން ކުރައްވައިފަ އެވެ. މިޙާލަތު އިޢްލާން ކުރުމުން އެމެރިކާގެ ފެޑްރަލް ސަރުކާރުގެ ސީދާ އެހީ މިދެސްޓޭޓަށް ލިބިގެންދާނެ އެވެ. މިތޫފާންގައި އެމެރިކާ އަށް ލިބުނު ހުރިހާ ގެއްލުންތަކެއް އަދި ބެލިފައިނުވި ނަމަވެސް އިންޝުއަރެންސް އެޖެންސީތަކުން ލަފާކޮށްފައި ވަނީ 30 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމުގައެވެ. ނަމަވެސް ގެއްލުމުގެ މިންވަރު މިއަށް ވުރެ މައްޗަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް އެއެޖެންސީތަކުން ބުނެ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ރިޔާސީ އިންތިޚާބުގެ ކޭންޕޭން އެއްފަރާތްކޮށްލެއްވުމަށް ފަހު ސޭންޑީގައި އެމެރިކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި އެކަމާގެން ކުރިޔަށްދާކަން ހާމަކުރައްވާފަ އެވެ. ނިޔުޔޯކާއި ނިއުޖާސީ ގެ އިންފްރާސްޓްރަކްޗަރު މަރާތުކުރުމަށާއި ހުއްޓިފައިވާ ޚިދްމަތްތައް އަލުން ފެށުމަށް ޤައުމީފެންވަރުގައި ދަނީ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން ތޫފާންގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްވެސްދަނީ ކުރިއަށެވެ. ތޫފާންތަކާ ބެހޭ އެމެރިކާގެ ޤައުމީ މަރުކަޒު ބުނާ ގޮތުން މިއީ އެއްތޫފާނެއްގައި އެމެރިކާގެ ގިނަ ސްޓޭޓްތަކަކަށް މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ.
މިތޫފާންގައި ބޯކޮށް ވާރޭވެހުމުގެ އިތުރުން ބައެއް ސްޓޭޓްތަކަށް ބޯކޮށް ސްނޯ ވެސް ފައިބާފައިވެ އެވެ. ސްނޯ ފޭބި ސްޓޭޓްތަކުގެ ތެރޭގައި ވާޖީނިޔާ، މެރިލެންޑް، ޓެނިސީ، އޮހާޔޯ، ވެސްޓް ވާޖީނިޔާ އަދި ޕެންސިލްވީނިޔާ ހިމެނެ އެވެ. ސޭންޑީގެ އަސަރު މިހާރު ކުޑަވެފައިވީ ނަމަވެސް އަދިވެސް އެތޫފާން މުޅިން ނިމުމަކަށް ނާންނަކަމަށް ޚަބަރު ލިބެ އެވެ. ސޭންޑީގެ އަސަރު ވަނީ ކެނެޑާއަށް ވެސް ކޮށްފަ އެވެ. ކެނެޑާ އިން އެކަކު މަރުވެފައިވީ ނަމަވެސް މާބޮޑު ގެއްލުމެއް އެޤައުމަށް ނުލިބޭ ކަމަށް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)