31 Oct 2012, 15:54
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވުމަށް ތިން ވަނަ ފަހަރަށް އަންގާފައި ވަނިކޮށް އެ މައްސަލައިގައި މަޝްވަރާ ކުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އިއްޔެ ފޮނުއްވި ސިޓީގައި ގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މަސައްކަތާއި ގުޅިގެން ޝަރުއީ ދާއިރާގެ އެއްވެސް ފަރާތެއް މަޖިލީހަށް ހާޒިރުކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ އެންމެ ރަނގަޅު އުސޫލެއް ކަނޑައެޅުމަށް މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދުލުއިންސާފު ގާއިމް ކުރުމުގެ ކަންތައްތަކާއި ކޯޓުތަކާ ގުޅޭ އެހެނިހެން ކަންތައްތަކުގައި މަޖިލީހަށް ލަފާދޭ ތަނަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަމަށް އެ ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި މަޖިލީހުން ބަލަމުންދާ ކަމަކާއި ގުޅިގެން ޖުޑީޝަރީއާ ގުޅުން ހުރި މައުލޫމާތު ނުވަތަ ފަނޑިޔާރުންނާއި ބެހޭ މައުލޫމާތު މަޖިލީހަށް ބޭނުންވާނަމަ ޖޭއެސްސީ ނޫންނަމަ ޖުޑީޝަރީގެ އިސް ފަރާތްތަކާއި މުއާމަލާތް ކުރައްވައިގެން ހޯދުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ސިޓީއާ ގުޅިގެން މަޖިލީހުން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެ އެވެ.
ރައީސް ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ކަމުގައިވާ ސުޖާއު އުސްމާނާއި އަބްދުއް ނާސިރު އަބްދުއް ރަހީމާއި ހުސެއިން މަޒީދު މިރޭ 9:00 އަށް ކޮމެޓީއަށް ހާޒިރުވެވަޑައިގަތުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ އެބޭފުޅުންނަށް ލިޔުން ފޮނުވާފަ އެވެ.
މިއީ އެ ތިން ފަނޑިޔާރުން ކޮމެޓީއަށް ހާޒިރުވެވަޑައިގަތުމަށް އަންގާ ތިން ވަނަ ފަހަރެވެ.
އެ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެ ތިން ފަނޑިޔާރުން ކޮމެޓީއަށް ހާޒިރު ކުރަނީ ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް އެ ކޮމެޓީން ކުރަމުންގެންދާތީ އެކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ.