31 Oct 2012, 15:46
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން އިބްރާހިމް ނަޒީމް އިސްތިއުފާ ދެއްވައިފި އެވެ.
މީގެ ހަތަރު މަސް ކުރިން އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވި ނަޒީމް، މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު "ސަން އޮންލައިނާ" ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ، މަގާމުން އިސްތިއުފާ ދިނީ މިހާރު އޭނާ އަދާ ކުރާ ވަޒީފާގެ ގޮތުން އެމްބީއޭ އަށް ދޭން ޖެހޭ ވަގުތު އެންމެ އެދެވޭ ގޮތުގައި ނުދެވޭތީވެ ކަމަށެވެ.
"އިސްތިއުފާގެ ސިޓީ އިއްޔެ ވާނީ ހުށަހަޅައިފައި. އިސްތިއުފާ ދިނީ އެމްބީއޭ އަށް ދޭން ވާވަރަށް އަޅުގަނޑަށް ވަގުތު ނުދެވޭތީ." ނަޒީމް ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި ހަމައެކަނި ބައިނަލްއަގްވާމީ ބީޗް ވޮލީބޯޅަ ރެފްރީ ނަޒީމް މިވަގުތު އަންނަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް ފުރުއްވަމުންނެވެ.