ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑްތައް ތާރީހައްޓަކައި ރައްކާކުރާ މަރުކަޒު، ނެޝަނަލް އާކައިވްސް އިމާރާތް އެޅުމަށްޓަކައި ހުޅުމާލެ އިން ބިމެއް ދޫކޮށްފި އެވެ.

ނެޝަނަލް އާކައިވްސް އިމާރާތާ އެކު ދައުލަތުގެ އަރްޝީފުތައް ބަލަހައްޓާ މުއައްސަސާ އުފައްދަނީ ދިވެހި ރާއްޖޭގެ ގައުމީ އަރްޝީފްގެ ގާނޫނުގެ ދަށުންނެވެ.

ޑިސެންބަރު 31، 2011ގައި ތަސްތީގު ކުރި އަރްޝީފުގެ ގާނޫނޫ ތަންފީޒު ނުކުރެވޭ މައްސަލާގައި ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ރައީސް އޮފީހުގެ ކެބިނެޓް ސެކަރެޓަރީ ޑރ. އަބްދުﷲ ނަޒީރު މިއަދު ހާޒިރު ކުރުމުން އޭނާ ވަނީ އެ މުއައްސަސާ އުފެއްދުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ކޮމެޓީއާ ހިއްސާކޮށްފަ އެވެ. އޭނާ ވިދާޅުވީ ނެޝަނަލް އާކައިވްސް އިމާރާތް އެޅުމަށްޓަކައި ހައުންސިން މިނިސްޓްރީން ހުޅުމާލެއިން ބިމެއް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އިމާރާތް އެޅުމާއި އޮފީހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ލަސްވެފައި ވަނީ އެ އޮފީސް ހިންގުމަށް ބެޖެޓް ނެތުމުން ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.

އަރްޝީފުގެ ގާނޫނު ތަންފީޒު ނުކުރެވޭ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް ގެނެއީ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގެވެ. އޭނާ ވިދާޅުވީ އެ ގާނޫނުގެ ދަށުން އުފައްދާ އޮފީހަކީ ތާރީހީ މުހިއްމު އިމާރާތެއް ކަމަށާއި އެ އިމާތުގައި ރައްކާކުރެވެނޭ އަރްޝީފުތަކަކީ ގައުމުގެ ތާރީހަށްޓަކައި ވަރަށް މުހިއްމުތަކެއް ކަމަށެވެ.