އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އިންޑިއާގެ ޖީއެމްއާރުގެ މައްސަލާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބުދުލްގައްޔޫމް އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވައި ހައިކޮމިޝަނާ ޑީއެމް މުލޭ އާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި އެވެ.

މިއަދު މެންދުރު ބޭއްވި ބައްދަލުވުން އޮތީ މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ފުލިދޫގޭގަ އެވެ.

ބައްދަލުވުން ނިންމާލެއްވުމަށް ފަހު މައުމޫން ފައުންޑޭޝަންގައި ހުންނަވައިގެން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިގަނމުންދާ ކަންތައްތަކާއި އިންޑިއާ އާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ އިތުރުން ޖީއެމްއާރް މައްސަލާގައި މުލޭއާ މަޝްވަރާކުރެއްވި ކަމަށެވެ.

"ދެން ހުރިހާ ވާހަކައެއް ވެސް ދެކެވޭނެ ދެއްތޯ؟ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން، އެގޮތުން ޖީއެމްއާރް މައްސަލާގައި ޕީޕީއެމް އިން ދެކޭގޮތް އޮންނާނީ އެނގިފައި. އަޅުގަނޑުމެންގެ ކައުންސިލްގައި ވާހަކަ ދައްކާފައި އެ ވާހަކަ އަޅުގަނޑުމެން އޮންނާނީ ރައީސްއަށް ވެސް އަންގާފައި. އަދި އަޅުގަނޑު އެންމެފަހުން އިންޑިއާ އަށް މިކުރި ދަތުރުގައި ވެސް އިންޑިއާގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތްކޮށް އެމަނިކުފާނާ ދެއްކެވި ވާހަކާގައި ވެސް ޖީއެމްއާރްގެ ވާހަކަ ދެކެވުނު، އެކަމުގައި ވެސް އަޅުގަނޑުމެން ކަންބޮޑުވުން ހުރިކަންތައްތަކުގެ ވާހަކަ ދެއްކުނު،" މައުމޫން ވިދާޅުވި އެވެ.

އެ ބައްދަލުވުމާ ގުޅިގެން ޖީއެމްއާރްގެ އަތުން އެއާޕޯޓް އަތުލުމަށް ޕީޕީއެމް އިން ނިންމާފައިވާ ނިންމުމަށް ބަދަލެއް އަތުވެދާނެތޯ ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ އެއާޕޯޓްގެ މައްސަލައިގައި ޕީޕީޕީއެމްގެ ސިޔާސަތު ވަރަށް ސާފު ކަމަށާއި އެއަށް އިތުރު އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެބައްދަލުވުމާ ބެހޭ ގޮތުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނާ ޑީއެމް މުލޭގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މުލޭ އާއި މައުމޫން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ އިރު ޖީއެމްއާރްގެ އަތުން އެއާޕޮޓް އަތުލުމަށް ސަރުކާރާ ގުޅިފައިވާ އިއްތިހާދުން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ޖީއެމްއާރްގެ އަތުން އެއާޕޯޓް އަތުލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެކަން ޕާޓީތަކުން ވަނީ އިއުލާން ވެސް ކޮށްފަ އެވެ.