ލ. ފޮނަދު އާއި އދ. މަހިބަދޫގައި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުމަށް 54.4 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމު ކުރަނީ އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުން ނަގާފައިވާ ލޯނަކުން ކަމަށެވެ. ނަމަވެސް އެ ލޯން އަނބުރާ ދައްކަން ޖެހޭ މުއްދަތެތެއް އަދި އިންޓަރެސްޓް ރޭޓަކީ ކޮބައިކަމެއް ބަޔާނުގައި ނުބުނެ އެވެ.


އެ ނޫސްބަޔާންގައި ބުނި ގޮތުގައި ފޮނަދޫގެ ނަރުދަމާ ނިޒާމަށް ހަރަދު ވަނީ 32.9 މިލިއަން ރުފިޔާ އެވެ. އަދި މަހިބަދު އަށް ހަރަދު ވަނީ 21.5 މިލިއަން ރުފިޔާ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް މަސައްކަތް ހަވާލުކޮށްފައި ވަނީ ޖަޕާންގެ ސިންނިފޯން ކުންފުންޏާ ކަމަށެވެ. އެއީ އެ ދެ ރަށުގެ ބީލަން ކާމިޔާބު ކުރިކަމަށް އެ މިނިސްޓްރީން  ބުނި ފަރާތެވެ.