31 Oct 2012, 15:10
އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އިމާމުން ތާޒާ ކުރުމުގެ ކޯހުގައި 34 ރަށަކުން 34 އިމާމަކު ބައިވެރި ވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޯހުގެ ބައިވެރިންގެ ޝަރަފްގައި އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ގުބާދު އަބޫބަކުރު ވިދާޅުވީ އިމާމުންނާއި މުދިމުންނަކީ ހަމައެކަނި ބަންގި ގޮވާ ބައެއް ނޫން ކަމަށާއި އެމީހުންނަކީ ގައުމު ބިނާ ކުރުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށެވެ.
ޝޭހް ވިދާޅުވީ އިމާމުންނާއި މުދިމުން ވާންޖެހެނީ ވަރަށް އަހުލާގް ރަނގަޅު ބަޔަކަށް ކަމަށާއި އަދި އިމާމުން ވާންޖެހޭނީ އެހެން މީހުންނަށް ހުރި ނަމޫނާއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ގުބާދު އަދި ވިދާޅުވީ މީގެ ކުރިން ވެސް އިމާމުން ތަމްރީން ކުރުމުގެ ތަފާތު އެކި ޕްރޮގްރާމްތައް ހިންގިފައިވާ ކަމަށާއި މިފަހަރު ހިންގޭ އިމާމުން ތާޒާ ކުރުމުގެ ކޯހުގެ ސަބަބުން އިތުރު ފައިދާ ތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކޯސް ކުރިއަށް ދާނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ކަމަށެވެ. އަދި ކޯހުގައި ކިޔަވައި ދެއްވާނީ ރާއްޖޭގެ މައްޝޫރު އިމާމުންނާއި އަދި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން އިސްލާމިކް މިނިސްޓާ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.