31 Oct 2012, 14:47
ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލް ކުރުމަށް މި އަހަރު ހުށަހެޅި އެޕްލިކޭޝަންތައް ޝޯޓްލިސްޓް ކުރުމުގައި އެއްވެސް މީހަކު ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފި އެވެ.
އޭސީސީ އިން އެގޮތަށް ބުނީ ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރުމަށް މިއަހަރު ހުޅުވާލި ފުރުސަތަށް އެދުނު ފަރާތްތަށް ޝޯޓްލިސްޓް ކުރުމުގައި ހަމަޖެހިފައިވާ އުސޫލާއި ޚިލާފަށް ގިނަ ކަންތައްތަކެއް ހިނގާފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިއަދު އާންމު ކުރި ބަޔާނެއްގަ އެވެ.
ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވިނަމަވެސް އެ ސްކީމް ކުރިއަށް ގެންދިޔުމުގައި ކަނޑައަޅާފައިވާ އުސޫލުގައި މައްސަލަތަކެއް ހުރިކަމަށް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އަމިއްލަ ފަރާތްތަކުގެ ވަޒީފާގައި އުޅޭ މީހުން ލިބޭ އާމްދަނީ އޮޅުވާލައިގެން ފޯމް ހުށަހެޅި ނަމަވެސް އެކަން ބެލޭނެ ގޮތެއް ސްކީމާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ އުސޫލުގައި ނެތް ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނަނީ އާއިލާގެ މަސްދުވަހުގެ އާމްދަނީއަށް ވުރެ ކުރަންޖެހޭ ޚަރަދު 1000ރ. އަށް ވުރެ އިތުރުވާ ކެނޑިޑޭޓުންގެ އެޕްލިކޭޝަން ބާތިލްވާގޮތަށް އޮތުމުގެ ސަބަބުން ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފަގީރުންނާއި، ދަރިވަރުންގެ ތެރެއިން މާލީ ހާލަތަށް ބަލައި އެ ސްކީމުން އެހީ ލިބެން އެންމެ ހައްގުވާ ގިނަ މީހުން އެ ހައްގުން މަހުރޫމްވެ ޒަކާތުގެ އަސްލު މަގުސަދު ހާސިލު ނުވާގޮތަށް އެ ސްކީމް ބައްޓަން ކުރެވިފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރި އިރު ފާހަގަ ކުރެވުނު ކަންތައްތައް އިސްލާމިކް މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނަށް ލިޔުމުން އެންގުމަށް ފަހު އެގޮތަށް އަމަލު ކުރުމަށް ދަންނަވާފައިވާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.
ޒަކާތު ފަންޑުގެ ދަށުން ތައުލީމް ހާސިލް ކުރުމަށް ފުރުސަތު ހުޅުވާލުމަށް މި އަހަރުގެ މެއި 17 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅޭ ހުރިހާ މުއާމަލާތްތަށް ބާތިލްކުރުމަށް އަންގާފައިވާއިރު އެ ސްކީމް އިތުރަށް ކުރިއަށް ގެންދާނަމަ ސްކީމްގެ ދަށުން ހެދޭ އުސޫލު އަލުން މުރާޖައާ ކޮށް ޒަކާތުގެ އަސްލު މަގުސަދު ހާސިލް ކުރެވޭނެ ގޮތަށް އުސޫލުތައް އެކުލަވާލުމަށް ވެސް އޭސީސީން ވަނީ އިސްލާމިކް މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނަށް އަންގާފަ އެވެ.