މި އަހަރުގެ ސީޒަނުގައި އީގަލްސް އަށް ކުޅުނު އެ ޓީމުގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އެނބުރި ވެލެންސިއާއާ ގުޅިއްޖެ އެވެ.

ކުރިން ދެ ފަހަރެއްގެ މަތީން ވެލެންސިއާ އަށް ކުޅެ ގިނަ އަހަރުތަކެއް ވެސް ވަންދެން ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އަންނަ އަހަރު ވެލެންސިއާ އަށް ކުޅެން ސޮއިކުރީ މިއަދު މެންދުރު އެސްޓީއޯ ހޯއިމްޕްރޫވްމަންޓްގައި ބޭއްވި ހަފުލާއެއްގަ އެވެ. ވެލެންސިއާގެ ފަރާތުން އެގްރީމަންޓްގައި ސޮއިކުރީ  ޗެއާމަން އިބްރާހީމް ރާއީ ރަޝީދެވެ.

އޭނާ ވަނީ އަންނަ ސީޒަނުގައި ވެލެންސިއާގެ ކެޕްޓަނަކީ އައްސަދުކަމަށް އިއުލާނުކޮށްފަ އެވެ.

"އައްސަދަކީ ވެލެންސިއާގެ މީހެއް. ވެލެންސިއާ އަލުން ގަދަ ޓީމެއްގެ ގޮތުގައި ނުކުންނައިރު އައްސަދަށް ން ކެޕްޓަންކަންދިނީ އޭނާ އަކީ ވެލެންސިއާގެ އެންމެ ކާމިޔާބު އެއް ކެޕްޓަނަށްވާތީވެ. އަނެއްކާ މިހާތަނަށް ރާއްޖެއަށް ތައްޓެއް ހޯދައިދިން ކެޕްޓަނަކީ ވެސް އައްސަދު. އޭނާ އަކީ ނަމޫނާ ކުޅުންތެރިއެއް. މިކަހަލަ ކުޅުންތެރިން ވެލެންސިއާ ތެރެއިން އުފެދިފައި ތިބުމަކީ ކުލަބުން އުފާކުރާ ކަމެއް،" ރާއީ ވިދާޅުވި އެވެ.

އައްސަދު ވަނީ މިހާތަނަށް 11 އަހަރު ވެލެންސިއާ އަށް ކުޅެދީފަ އެވެ. އޭނާ ވަނީ ކުރިން ދެ އަހަރަކު ނިއު އަށް ވެސް ކުޅެފަ އެވެ.