މިދުވަސްވަރަކީ ވަރަށް ބޯކޮށް ވާރޭވެހި ތަފާތު ބަލިތައް ފެތުރުން އިތުރުވެދާނެ ދުވަސްވަރަކަށް ވާތީ އެކަމަށް ހާއްސަ ސަމާލުކަމެއްދީގެން ބަލިތައް މަދުކުރުމަށް މަސައްކަތްކުރުމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓުރޯލް އިން ގޮވާލައިފި އެވެ.

ޑިޒީޒް ކޮންޓުރޯލް އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބަލިތައް މަދުކުރުމަށްޓަކައި ސާފުތާހިރުކަށް އިތުރުކުރުމަށާއި ބޭރަށް ހިންގުން ފަދަ ބަލިތައް ފެތުރިގެން ނުދާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ފެން ބޮޑުވުމުގެ ސަބަބުން ނަރުދަމާ ނިޒާމުގެ މައްސަލަޖެހި ނަޖިސްތައް ބޭރުވުމުން ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ބަލިތައް ފެތުރުގެ ފުރުސަތު ބޮޑުވެގެން ހިނގައިދާނެތީ މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ސަމާލުކަންދޭންވީ ކަންތައްތަކުގެ ތެރޭގައި ބޯފެން ބޭނުންކުރާއިރު ކްލޮރިނޭޓްކޮށްގެން ނުވަތަ ކައްކައިގެން ބޭނުން ކުރުމާށާއި ވާރޭ ފެން ނަގާނަމަ ފުރާޅު ރަނގަޅަށް ސާފުކޮށްގެން ނެގުމާއި ސައިބޯނިލައިގެން އަތްދޮވުމާ، ތަރުކާރީއާއި މޭވާ ފަދަ ތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުމާއި، ރަށުތެރޭގަޔާއި ގޯތި ތެރޭގައި ކުނި ޖަމާވިޔަނުދީ ގޯތިގެދޮރު ސާފުތާހިރުކޮށް ބެހެއްޓުމާއި ވިއްސާރަ ދުވަސްވަރާ ގުޅިގެން މަދިރި އުފެދި ގިނަ ވެދާނެތީ ގެއާއި ގޯތިތެރޭގައި ފެން ހަރުވާގޮތަށް ހުންނަ ތަކެތި ނައްތާލުމާއި މަދިރިން ރައްކާތެރިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުން." އެ ބަޔާނުގަިއ ބުނެފައިވެ އެވެ.

އަދި ބުނެފައި ވަނީ މިދުވަސްވަރު ފެތުރިދާނެ ބަލިތަކުން ރައްކާތެރިވެވޭނީ އެކަމުގައި ފަރުދީ ފެންވަރުގައި އިސްދައުރެއް އަދާކޮށްގެން ކަމަށް ފަހަގަކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.