31 Oct 2012, 13:57
ދިވެހިރާއްޖޭގެ ގައުމީ އަރްޝީފްގެ ގާނޫނު ތަންފީޒު ނުކުރެވޭ މައްސަލާގައި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި ރައީސް އޮފީހުގެ ކެބިނެޓް ސެކަރެޓަރީ ޑރ. އަބްދުﷲ ނަޒީރު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރުކޮށްފި އެވެ.
އަރްޝީފުގެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް ކޮމެޓީން ފާހަގަކޮށްފައި ވަނީ އެ ގާނޫނު ތަސްތީގު ކުރިތާ 10 މަސްވެފައިވާ އިރު، ގާނޫނުގައި ބުނާ "ނެޝަނަލް އާކައިވްސް" އޮފީހެއް ނެތުމާއި އެތަނަށް ޑިރެކްޓަރު ޖެނަރަލަކު އައްޔަންކޮށްފައި ނުވުމުގެ އިތުރުން އެޑްވައިޒަރީ ބޯޑެއް އެކުލަވާލައިފައި ނުވުމެވެ. އެ ގާނޫނަކީ ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑްތަކާއި ރައްކާކުރާ މަރުކަޒު، އުފެއްދުމާއި އެތަނުގެ މައްސޫލިއްޔަތު ބަޔާން ކުރާ ގާނޫނެކެވެ.
މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒީރު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަރްޝީފުގެ ގާނޫނުގެ ދަށުން އުފައްދާ މުއައްސަސާ އުފައްދަވާފައިވާ ކަމަށެވެ. އަދި އެ މުއައްސަސާ ހިންގުމުގެ މަސައްކަތް ރައީސް ނަޝީދު ހަވާލު ކުރައްވާފައި ވަނީ ޓްރާސްޕޯޓް މިނިސްޓްރީއާ ކަމަށާއި އެތަނުގައި ތިބީ އެންމެ ދެ މުވައްޒަފުން ކަމަށެވެ. އެ މުވައްޒަފުން ކުރިން ތިބީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށާއި ނަމަވެސް އެ މުވައްޒަފުން ޓްރާސްޕޯޓަށް ބަދަލު ކުރަން ޖެހުމުން ދަތިތަކަކާ ކުރިމަތިލާންޖެހުނު ކަމަށް ވިދާޅުވި އެވެ. އަދި ނެޝަނަލް އާކައިވްސް އޮފީސް ހިންގުމަށް ބަޖެޓް ނެތް ކަމަށް ވެސް ނަޒީރު ފާހަގަކުރެއްވި އެވެ.
ނަޒީރު ދެއްކެވި ވާހަކަފުޅާ ގުޅިގެން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ ތާރީހީ މަސަކަތްތަކާއި ހެރިޓޭޖުގެ މަސައްކަތްތަކަކީ ޓޫރިޒަމް މިނިސްޓްރީން ކުރަމުން ގެންދިޔަ ކަންތައްތަކެއް ކަމަށާއި ނަމަވެސް އަރްޝީފުގެ ގާނޫނުގެ ދަށުން އުފެއްދި މުއައްސަސާ ހިންގުމުގެ މަސައްކަތް ޓްރާސްޕޯޓް މިނިސްޓްރީ އަށް ބަދަލު ކުރަންޖެހުނު ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މަސައްކަތުގެ ދާއިރާއާ ނުކުޅޭ ކަމެއް އެ މިނިސްޓްރީގެ ދަށަށް ލައްވަވާފައިވާތީ އެނާ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އީސަ ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ އަރްޝީފްގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ މުއައްސަސާ ހިންގުމުގެ މަސައްކަތް ޓްރާސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ އަރްޝީފްގެ ގާނޫނުގެ (6) މާއްދާގެ ދަށުން ކަމަށެވެ.
މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވަނީ މަޖިލީހުގެ މެންބަރުނަނަށް އިލްތިމާސެއްކޮށްފަ އެވެ. އާޒިމާ ވިދާޅުވީ މަޖިލީހުން ހަދާ ގާނޫނެއް ތަސްތީގުކޮށް ތަންފީޒު ކުރަންޖެހުމުގައި ސަރުކާރަށް ކުރާނެ އަސަރާ މެދު މެންބަރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. ގާނޫނެއް ވުޖޫދަށް އައުމުން އުފައްދަން ޖެހޭ މުއައްސަސާތަކާއި ބޭނުންވާ މުއްޒަފުނާއި ބަޖެޓް ހޯދުމުގައި ހުރި ދަތިތަކުގެ މައްޗަށް މެންބަރުން ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަށް އާޒިމާ ވިދާޅުވި އެވެ.