31 Oct 2012, 13:51
ދެހާސް އަށް ވަނަ އަހަރުގެ ތެރޭގައި ވަޒީފާތަކުން ވަކި ކުރި އަށް ބޭފުޅަކަށް ބޮޑެތި އަދަދުތަކުން ޕެންޝަން ފައިސާ ހަމަޖައްސައި ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ޕެންޝަން އޮފީހުގައި އެދެފި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއީލް ޝުޖާއު ސަން އޮންލައިން އަށް ވިދާޅުވީ 2008 ވަނަ އަހަރު ސިވިލްސާވިސް އިން ވަކިކުރި އަށް ބޭފުޅަކަށް 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ޕެންޝަން ދިނުމަށް އެދި ސީއެސްސީ އިން މިދިޔަ ހަފްތާތެރޭގައި އެ އޮފީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"ސިވިލް ސާވިސް ކޮމިޝަނުން 2008 ވަނަ އަހަރު ވަކިކުރެއްވި ކަމަށް ފޮނުވާފައިވާ އަށް ފަރާތަކަށް މިވަނީ [ޕެންޝަން ފައިސާ ދޭން އެދިފައި.] އަޅުގަނޑުމެން އެ މައްސަލަ މިހާރު ފިނޭންސް މިނިސްޓްރީ އަށް ވަނީ 27 ސެޕްޓެމްބަރު 2012ގައި ލިޔެފައި، މިނިސްޓްރީގެ ހުއްދަޔަކަށް އެދި." ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕެންޝަން ދިނުމަށް އެދި ހުށަހަޅާފައިވާ އަށް ބޭފުޅުންނަކީ އޭރު ރައީސުލްޖުމްހޫރީއްޔާގެ ވާޖިބު އަދާކުރުމަށް ބޭނުންވާ އަށް ބޭފުޅުންގެ ގޮތުގައި އައްޔަން ކުރައްވާފައިވާ ބޭފުޅުން ކަމަށް ސީއެސްސީގެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ބޭފުޅުންނަށް ޕެންޝަން ދޭން އެދިފައި ވަނީ ތަފާތު ގޮތަކަށް ކަމުން އެކަމުގެ ހުއްދައަކަށް ފިނޭންސްގައި އެދެންޖެހުނީ ކަމަށެވެ.
"އެ އަދަދުތަކަކީ ބޮޑެތި އަދަދުތަކެއް. އެހާ ބޮޑެތި އަދަދުތަކެއް ވީމާ ފިނޭންސްގައި އެދެން މި ޖެހުނީ،" ނަމަވެސް އެ އަދަދުތަކެއް ޝުޖާއު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޕެންޝަން ހަމަޖެއްސުމަށް ސީއެސްސީ އިން އެދުނު އެ އަށް ބޭފުޅުންނަށް ޕެންޝަން ފައިސާ ދޫކުރަން ޖެހޭނީ ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ދަށުން ނޫން ކަމަށެވެ. އަދި އެބޭފުޅުން ވަޒީފާ އިން ވަކިކޮށްފައިވަނީ ވެސް ޕެންޝަން ގާނޫނު އައުމުގެ މާކުރިންކަމަށް ވުމުން ޕެންޝަން ގާނޫނުގެ ދަށުން ފައިސާ ދޫކުރެވޭނެ އުސޫލެއްނެތް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"މީކީ ރިޓާޔާމެންޓް ޕެންޝަނާ ގުޅުން ހުރި ކަމެއްނޫން. އެއަށް ވުރެ ކުރީގެ ވާހަކައެއް މި ދެކެވެނީ. އެއީ ރިޓަޔާމެންޓް ޕެންޝަން ފެށިފައި ވެސް އިންނާނީ 2010 ވަނަ އަހަރު. ދެ ހާސް ނުވަ ވަނަ އަހަރު ޕެންޝަނާ ބެހޭ ގާނޫނު ވުޖޫދަށް އައީ. މިބޭފުޅުން ވަޒީފާ އިން ވަކިކުރައްވާފައިވާ ކަމަށް މިވަނީ 2008 ވަނަ އަހަރު. އެހެންވީމާ އެއީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ދެވޭ އެއްޗެއްނޫން،" ޝުޖާއު ވިދާޅުވި އެވެ.
އެ މައްސަލައިގައި ސީއެސްސީގެ މީޑިޔާ އޮފިޝަލް އަލީ ނިޒާރު މިއަދު ވިދާޅުވީ އަށް މީހަކަށް ޕެންޝަން ފައިސާ ދޫކުރަން ޕެންޝަން އޮފީހުގައި އެދިފައިވާ ކަމަށާއި ނަމަވެސް އެ މީހުންނާ ބެހޭ ތަފްސީލް އަދި ހާމަކުރެވެން ނެތް ކަމަށެވެ.