31 Oct 2012, 13:24
އިންޑިއާގެ ބޭ އޮފް ބެންގަލްގައި މިހާރު އުފެދިފައިވާ ބާރުގަދަ ތޫފާން، "ނީލަމް"ގެ އަސަރު ރާއްޖެއަށް ވެސް ނުސީދާކޮށް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ ތޫފާން ރާއްޖެއާ ދުރަށް ދަތުރު ކުރަމުންދާ ކަމަށް މީޓްރޮލޮޖިކަލް ޑިޕާޓްމަންޓް (މެޓް އޮފީހުން) ބުނެފި އެވެ.
އިއްޔެގެ ވަގުތެއްގައި ނީލަމް ތޫފާން ވަނީ ސްރީލަންކާގެ އައްސޭރި ފަށަށް އަރައި އެތައް ހާސްބަޔަކަށް ގެއްލުމާ ކުރިމަތިކުރުވައިފަ އެވެ. އަދި އެ ތޫފާން މިހާރު ވަނީ އިންޑިއާގެ ތެމިލް ނާޑޫގެ ސަރަހައްދުތަކަށް މިސްރާބު ޖަހައިފަ އެވެ. އެ ސަރަހައްދުތަކުގައި އެމެޖެންސީގެ ހާލަތް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
މެޓް އޮފީހުގެ މީޓްރޮލޮޖިކަލް ޓެކްނީޝަން ތަހުމީނާ އަބްދުލްކަރީމް މިއަދު ސަން އޮންލައިނަށް ވިދާޅުވީ ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ ނީލަމް ތޫފާނުގެ ސަބަބުން ރާއްޖޭގެ މަތީގައި އުފެދޭ ބޯ ވިއްސާރަ ވިލާތަކުގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. ތަހުމީނާ ވިދާޅުވީ ތޫފާންގެ ދުވެލި މިދިޔަ 24 ގަޑިއިރު ތެރޭގައި މަޑުވެ، ތޫފާން މިހާރު ހުރި ހިސާބުން، ހުޅަނގު އުތުރަށް، ތެމިލްނާޑޫއާ ދިމާލަށް ޖެހެމުންދާ ކަމަށާއި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށެވެ.
"ތެމިލްނާޑޫ އަށް މިއަދުގެ ހަވީރުގެ ވަގުތެއްގައި ތޫފާން އަރާނެ ކަމަށް މިބެލެވެނީ. އެ ތޫފާން އެރުމާ އެކު ރާއްޖެ އަށް ވައި މަޑުވެ ވާރޭ ވެހޭލެއް ކުޑަވާނެ ކަމަށް ލަފާކުރެވޭ. އެ ތޫފާން އެ އަންނަނީ މިހާރު ރާއްޖެއާ ދުރަށް ޖެހެމުން،" ތަހުމީނާ ވިދާޅުވި އެވެ.
ނީލާމް ތޫފާނުން ކުރަމުންދާ އަސަރު ރާއްޖެ އަށް ކުޑަވި ނަމަވެސް ކުރިއަށް 24 ގަޑިއިރު ރާއްޖޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރެވޭހި ބައެއް ގަޑިތަކުގައި އަދިވެސް ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވައި ހުންނާނީ ރާއްޖޭގެ ހުޅަގާއި ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި އުތުރުގެ އަތޮޅުތަކަށް ވައިގެ މިސްރާބު ހުންނާނީ ދެނކުނާއި އުތުރުން އަށް މޭލާއި 12 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށެވެ.
"ވިލާގަނޑުގައި 50 މާލަށް އަދިވެސް ވައިގަދަވެދާނެ،" ތަހުމީނާ ވިދާޅުވި އެވެ.
ނީލަމް ތޫފާނުގެ އަސަރު ރާއްޖޭގެ ސަރަހައްދުތަކަށްކޮށް ދެކުނާއި އުތުރާއި އަދި މެދުރާއްޖެ ތެރޭގެ ރަށްތަކުގައި ފެންބޮޑުވެ، ބޮޑަތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ހޯރަފުށީގައި ފެންބޮޑުވެ 600 އެއްހާ މީހުންނަށް ވަނީ އޭގެ އަސަރުކޮށްފަ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ދަނޑުބިންތައް ހަލާކުވެ ދަނޑުވެރިންނަށް ވަނީ އެކި ވަރުގެ ގެއްލުންވެފަ އެވެ. އަދި ކަނޑުމަތީގެ އެކި ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ.