ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމަށް އަންހެން ކުއްޖަކު ރިޕޯޓްކޮށްފައި ވާތީ އެކަމުގެ ތުހުމަތުގައި ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައިވާ ކަމަށް ފުލުހުން ބުނާ ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ އާއި އޭނާއާއެކު ހައްޔަރުކޮށް ސަސްޕެންޑްކުރި، އޭނާގެ ފުލުސް ދެ ބޮޑީގާޑާއި އިތުރު ފުލުހަކު އެކަމަށް އިންކާރުކޮށް ރައްދު ދީފި އެވެ.


ބަދުއަހުލާގީ އަމަލުގެ ތުހުމަތެއްގައި ކަމަށް ބުނެ ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑުގެ ވެރިޔާ، ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާއާއެކު ހަމަ އެ ތުހުމަތުތަކުގައި ހައްޔަރުކޮށް ސަސްޕެންޑްކުރީ ކޯޕްރަލް މުހައްމަދު ފަޔާޒާއި ކޮންސްޓަބަލް ހުޝާމް ހަމީދާއި ކޯޕްރަލް އަލީ ނަޝީދެވެ. މި ތިން މީހުންގެ ތެރެއިން ފަޔާޒާއި ހުޝާމަކީ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ވެރިޔާގެ ދެ ބޮޑީގާޑުންނެވެ. އަލީ ނަޝީދަކީ ބޮޑީގާޑް ޔުނިޓުގެ ހެޑެވެ.


ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ވެރިޔާ ދެ ބޮޑީގާޑުންގެ ގޮތުގައި އެ ދެ ފުލުހުން ހަމަޖެއްސެވީ ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން ކަމަށް ރިޝީފާއި އެ ދެ ފުލުހުން ވެސް މިއަދު ސަންއެފްއެމް އޮންލައިނަށް ހާއްސަ އިންޓަވިއުއެއް ދެމުން ބުންޏެވެ.


އެ އިންޓަވިއުގައި ރިޝީފް ވިދާޅުވީ ރޭޕާއި ކިޑްނެޕާއި ޓެރަރިޒަމްގެ ނަން ބޯޑަކުން އޭނާގެ ބޮލުގައި ބޮޑު ތުހުމަތެއް އަޅުވައި ދޫނިދޫގައި ބޭއްވުމަށް ފަހު ސަންސްޕެންޑްކޮށް ވަޒީފާއިން އިއްޔެ ވަކިކޮށްފައިވާ ކަމަށެވެ.


"ރޭ ފުލުހުން ސަން އެފް އެމަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އަޅުގަނޑުމެން ސަސްޕެންޑްކޮށްފައި ތިބި ކަމަށް. ނަމަވެސް އިއްޔެ މެންދުރު ދޭއްޖެހިއިރު އަޅުގަނޑުމެން ވަނީ ވަޒީފާއިން ވަކިކޮށްފައި. ފަހަރުގައި ވެދާނެ އިދާރީ ގޮތުން އެ ޕްރޮސެސް މުޅިން ފުރިހަމަނުވާތީ އެހެން ވިދާޅުވީ ކަމަށް. އެކަމަކު ހަގީގަތަކީ ވަޒީފާއިން ވަކިކޮށްފައިވުން. މައްސަލައަކީ ވަޒީފާއިން ވަކިކުރުމެއް ނޫން، އަޅުގަނޑުމެންގެ ބޮލުގައި އެޅުވި ބޮޑު ދޮގު ތުހުމަތު،" ރިޝީފު ވިދާޅުވި އެވެ.


އޭނާ ވިދާޅުވި ގޮތުގައި މި ތުހުމަތުތަކަކީ ފުލުހުންގެ އިސް އޮފިސަރުންތަކެއްގެ ތެރެއިން ރާވައިގެން ގެނައި ސިޔާސީ "ސެޓަޕެކެ" ވެ. އޭނާއާ ދެކޮޅަށް އެ ސެޓަޕް ރޭވީ އޭނާ ލައްވާ ކުރުވަން ބޭނުންވާ ޣައިރުގާނޫނީ ބޮޑެތި ކަންތައްތަކަކަށް އިޖާބަނުދީ ފުރަގަސް ދެއްވާތީ ބާކީކޮށްލުމުގެ ގޮތުންނެވެ.


"އެކަމުގެ އަދަބު އަޅުގަނޑަށް މިދިނީ. އަޅުގަނޑަށް ދިން އަދަބުގެ އަނިޔާ މިތިބަ ތިން ކުދިން (ހުޝާމާއި ފަޔާޒާއި އަލީ ނަޝީދު) އަށް އެ ލިބުނީ،" ރިޝީފު ވިދާޅުވި އެވެ.


ހުޝާމާއި އަލީ ނަޝީދާއި ފަޔާޒު ވެސް ބުނީ ފުލުހުންގެ އިސް ވެރިންތަކެއްގެ މި ރޭވުމަކީ ރިޝީފް "ގޮޅިއަކަށް ފެއްތުން" ކަމަށާއި އޭގެ ތެރެއަށް އެމީހުން ވެސް ވެއްދީ ކަމަށެވެ.  


ރިޝީފު ވިދާޅުވީ ފުލުހުންގެ ތެރޭގައި ސިޔާސީ ގޮތުން ފައިދާތަކެއް ހޯދުމަށް ބޮޑެތި ރޭވުންތަކެއް ރާވައިފައިވާ ކަމަށާއި އެކަމުގެ ތެރޭގައި އެ ބޭފުޅުން ކުރައްވާ ޣައިރު ގާނޫނީ ކޮމާންޑްތަކަށް އޭނާ ބޯނުޖައްސަވާތީ "ކަޅުކާރު ޕްލޭން" ގެ ދަށުން އޭނާ  ބޮލުގައި ތުހުމަތުތައް އެޅުވީ ކަމަށެވެ. އެއީ ކޮންކޮން އޮފިސަރުންތަކެއްކަން އަދި ހާމަކުރަން ބޭނުމެއްނުވާ ކަމަށާއި އެ ދަނޑިވަޅު އަދި ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑު މުޅި ފުލުހުންގެ މުއައްސަސާ ދެކެ ލޯބިވަން، ގަދަރުކުރަން، ސެލިއުޓު ކުރަން. އެކަމަކު މި ލައިގަތް ކަންތަކުގެ ތަހުގީގާއި ޝަރުއީ މަރުހަލާ އެބައޮތް. އެހެންވީމާ އެ ވާހަކަތައް އަދި ހަމަކުރާކަށެއް ބޭނުމެއްނުވޭ. އަޅުގަނޑުގެ މައްޗަށް ކުރަން އަމުރުކޮށްފައި ހުރި ޣައިރު ގާނޫނީ އަމަލުތަކުގެ ވާހަކަ ހާމަކޮށްފިއްޔާ މި ގައުމު ސިހިގެން އަންނާނެ. އެކަންކަން އަޅުގަނޑު ކުރިނަމަ ވަރަށް ގިނަ ރައްޔިތުންނަށް ގެއްލުން ލިބި ބޮޑެތި ހަމަނުޖެހުންތައް ހިނގާނެ. އޭރުން އޮންނާނީ އެ ބޭފުޅުން ކާމިޔާބު ކުރަން ބޭނުންފުޅުވާ އެތި ހާސިލުވެފައި،" ފުލުހުންގެ އަހުލާގީ ކުލަ ޑަބަލްކޮށް ހޯއްދަވައި ސުނާމީ ކާރިސާގެ މެޑެލާއި ފުލުހުންގެ މެޑެލާއި ހިތްވަރުގަދަކަމުގެ ރަން މެޑަލް ހޯއްދަވާފައިވާ ކުރީގެ ފުލުސް އޮފިސަރު ވިދާޅުވި އެވެ.


ހިއުމަން ރިސޯސް މެނޭޖްމަންޓާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ސޮފްޓެވެއާ އެންޑް ޓެކްނޮލޮޖީން މާސްޓާސް ހާސިލު ކުރައްވާފައިވާ ރިޝީފް ވިދާޅުވީ ސަސްޕެންޑް ކުރުމަށް ފަހު އޭނާ ވަޒީފާއިން ވަކިކުރީ އިއްޔެ މެންދުރު ދޭއްޖެހިއިރު ކަމަށާއި ޕޮލިހަށް ހާޒިރުކޮށް އަންގާފައި ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވުނު ހަތަރު މީހުން ދައްކާ ވާހަކަތައް ފުށުއަރާތީ ބޯޑަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާތަކަށް ބަލައި ވަޒީފާއިން ވަކިކުރީ ކަމަށެވެ.


"ސުޕްރިންޓެންޑެންޓް މުހައްމަދު ޖިނާހު ވިދާޅުވީ މިކަމާ ޝަކުވާއެއް އޮތްނަމަ ދާނެ ތާކަށްދާށޭ، އެއޮތީ އިންޓެގްރިޓީއޭ، ހަނދާންކުރައްޗޭ މި މައްސަލަ ބެލި ބޯޑުގެ އެއްވެސް މެންބަރަކަށް އިންޒާރުކޮށް ފޯނުކޮށް ހަދައިފިނަމަ އެއީ ކުށަކަށް ބަލައި ފިޔަވަޅު އަޅާނަމޭ،" ރިޝީފް ވިދާޅުވި އެވެ. "އަޅުގަނޑު ހަމަ ސަލާންކޮށްލާފައި ނުކުމެގެން އައީ."


ރިޝީފާއެކު ދެން މި މައްސަލައިގައި ހައްޔަރުކޮށް ސަސްޕެންޑް ކުރުމަށް ފަހު އިއްޔެ ކަނޑައިލީ ފުލުހުން ވަޒީފާގައި 10 އަހަރުވެފައިވާ ކޯޕްރަލް އަލީ ނަޝީދެވެ. އޭނާއަކީ އަހުލާގީ މެޑެލާއި ހިތްވަރުގަދަކަމުގެ މެޑެލާއި ފުލުހުންގެ ކުލަ އާއި ސުނާމީ ކާރިސާގެ މެޑެލާއި ފުރާނަ ސަލާމަތްކުރުމުގެ ރަންމެޑެލި ލިބިފައިވާ ފުލުހެކެވެ. ދެން ކަނޑައިލީ ފަސް އަހަރު ވެފައިވާ ކޮންސްޓަބަލް ހުޝާމް ހަމީދެވެ. މިދެ ފުލުހުން ކަނޑައިލަމުން ވެސް އަންގާފައި ވަނީ ރިޝީފަށް އެންގެވި ގޮތަށް، އެކައްޗެކެވެ.


ހުޝާމް ހަމީދަކީ 2009 ވަނަ އަހަރު ރާއްޖޭގެ މިސްޓަ މޯލްޑިވްސް އެވެ. އަދި ރާއްޖޭގައި ފުރަތަމަ ބޭއްވި ހެވީވެއިޓް ޗެމްޕިއަންކަން މި އަހަރު ހޯދައި ފުލުހުންގެ މުއައްސަސާއަށް ރީތި ނަން ހޯދައިދީފައިވާ ފުލުހެކެވެ.


މި މައްސަލައާ ގުޅިގެން ސަސްޕެންޑް ކުރުމަށް ފަހު ދެން ވަޒީފާއިން ވަކިކުރީ ވަޒީފާގައި 10 އަހަރުވެފައިވާ ކޯޕްރަލް މުހައްމަދު ފަޔާޒެވެ. އޭނާ ކަނޑައިލީ މިދިޔަ ބުރާސް ފަތި ދުވަހު އެވެ. ފަޔާޒު ބުނީ އޭނާ ކަނޑައިލީ މި މައްސަލައާ ގުޅިގެން ފުލުހުން ބުނާ ކަޅުކާރު، ވެހިކަލް ގަރާޖުން އޭނާއާ ހަވާލު ކުރި ކަމަށް ބުނާ ލިޔުމެއް އޮތް ކަމަށް ބުނެ އެލިޔުން ނުދައްކާ ކަމަށެވެ. އަދި ބުނީ ފިޔަވަޅު މިއަޅަނީ ތަހުގީގުގައި ދޮގުހަދާ ކަމަށް ބުނެ ކަމަށެވެ. ފަޔާޒަކީ ފުލުހުންގެ އަހުލާގީ ކުލަޔާއި ހިތްވަރުގަދަ ކަމުގެ ކުލައާއި ސުނާމީ ކާރިސާގެ މެޑަލާއި ފުލުހުންގެ ކުލައާއި ފުރާނަ ސަލާމަތް ކުރުމުގެ ރަން މެޑަލި ލިބިފައިވާ ފުލުހެކެވެ.


މިމައްސަލައާ ބެހޭގޮތުން ފުލުހުން، ޗީފް އިންސްޕެކްޓަރެއްގެ މައްޗަށް ތަހުގީގު ކުރަމުންދާ ކަމަށް ހަބަރު އާންމުކުރީ މިދިޔަ މަހުގެ ނުވައެއްގަ އެވެ. އެ ފަހަރު ވެސް އަނެއް ތިން ފުލުހުންގެ ވާހަކައެއް ނުބުނެ އެވެ.


ރިޝީފް ވިދާޅުވީ އޭނާ ބިޑި އަޅުވައި ހައްޔަރުކުރީ އޯގަސްޓް ފަސް ވަނަ ދުވަހުގެ ރޭ ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާނާއި ޗީފް އިންސްޕެކްޓަރު ހަމްދޫނު ރަޝީދާއެކު ކާރުގައި ހާއްސަ އޮޕަރޭޝަނެއްގައި އުޅުއްވުމަށް ފަހު މެންދަމުން އަލިވިފަހުން ގެއަށް ވަޑައިގެން ގޭގައި އިންނަވަނިކޮށް ކަމަށެވެ.


އެރޭ މެންދަމު އަންހެން ކުއްޖަކު ހަޅޭލަވާ އަޑަށް މަގުމަތި ބެއްލެވިއިރު އަންހެން ކުއްޖަކު ބަރަހަނާއަށް ހުރުމުން ފުލުހުންނަށް ރިޕޯޓް ކުރުމަށްފަހު އެ ކުއްޖާގެ އޮރިޔާން ނިވާ ކުރުމަށް އަމިއްލަ ޓީޝާޓް ދެއްވާފައި ގޭގައި ހުންނަވިކޮށް ތުހުމަތު ކުރެވެނީ "ކަލެ އާއި ހުޝާމާއި ފަޔާޒާއި އަލީ ނަޝީދުގެ މައްޗަށޭ" ބުނެ  ގޭގައި ބެހެއްޓެވުމަށް ފަހު އޯގަސްޓް 9 ގައި ކަމަށް ވެސް ވިދާޅުވި އެވެ. އަނެއް ތިން ފުލުހުން ހައްޔަރުކޮށްފައި ވާނީ އޭގެ ކުރީ ދުވަހު ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.


ރިޝީފް ވިދާޅުވީ ފުލުހުންގެ ތެރެއިން ބޭފުޅުންކޮޅެއް ރާވައިގެން އޭނާއާ ހުޝާމާއި ފަޔާޒާއި އަލީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ދޮގު ތުހުމަތުތަކެއް ނަމަވެސް، މައްސަލައަކީ އެތިކަލް ކޮމާންޑުން ބަލަންޖެހޭ މައްސަލައެއް ކަމަށާއި ނަމަވެސް އެތިކަލް ކޮމާންޑުގައި މައްސަލަ ހިންގިޔަނުދީ މޭޖާ ކްރައިމް ޔުނިޓްގައި މި މައްސަލަ ހިންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގައި މުއްދަތަށް ގެންގޮސް ކޯޓުގައި ފުލުހުން ދޮގު ބަޔާން ދީފައިވާ ކަމަށާއި އެ މީހުންނަކީ ގައުމީ ސަލާމަތަށް ނުރައްކާކޮށްފާނެ ބައެއް ކަމަށް ބުނެ މުއްދަތަށް އެދިފައިވާ ކަމަށެވެ.


"ނަމަވެސް ގާޒީ ވިދާޅުވީ ހުށަހަޅާފައިވާ އެއްވެސް ގަރީނާއަކުން އެމީހުން ބަންދު ކުރެވޭނެ ފަދަ ހެއްކެއް ނުލިބެއޭ. އެންމެ ހެއްވާ ކަމަކީ އޭގެ ހަފުތާއެއް ކުރިން ފުލުހުންގެ ފަރާތުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ދިޔައީ އަޅުގަނޑު. މާރާމާރީ އާއި ގޭންގުތަކާ ބެހޭ ގޮތުން މިހާރު ފާސްކޮށްފައިވާ ދެ ބިލު އަވަހަށް ފާސްކޮށްދިނުމަށް އެކޮމެޓީގައި ފުލުހުންގެ ފަރާތުން އަޅުގަނޑު އެދުނީ. އޭގެ ހަތަރު ދުވަސް ކުރިން ޖިނާއީ ކޯޓުގެ އިސް ގާޒީއާ ފުލުހުންގެ ފަރާތުން ބައްދަލުކޮށް މާރާމާރީތަކުގެ މައްސަލައިގައި ވާހަކަ ދެއްކީ އަޅުގަނޑު. އެކަމަކު ކޯޓުގައި ހަމަ އެ މުއައްސަސާގެ ފުލުހުން މި ބުނަނީ މިއީ ގައުމީ ސަލާމަތަށް ނުރައްކާތެރި މީހެކޭ، މިއެއް ދިމައެއްނުވޭ،" ރިޝީފް ވިދާޅުވި އެވެ.


ރިޝީފާއި އަނެއް ތިން ފުލުހުން ދިން ރައްދާ ގުޅިގެން ފުލުހުންގެ ސަބްއިންސްޕެކްޓާ އަހުމަދު ޝިޔާމަށް ސުވާލު ދެންނެވުމުން އެ ރަށްދަށް އެއްވެސް އެއްޗެއް ވިދާޅެއްނުވި އެވެ. އަދި ރިޝީފާއި އަނެއް ތިން ފުލުހުން ވަޒީފާއިން ވަކި ކުރިކަން ކަށަވަރެއް ވެސް ނުކޮށްދެ އެވެ.