އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމްގެ) ގައުމީ ޖަލްސާ ދެ ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

އަންނަ ނޮވެންބަރު މަހު 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ ޕާޓީގެ ގައުމީ ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ން 19 އަށެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޔުމްނާ މައުމޫން ވިދާޅުވީ އެ ޕާޓީގެ ގައުމީ ޖަލްސާ މިފަހަރު ފަސްކުރުމަށް ޕާޓީގެ ކައުންސިލުން ނިންމީ އެކަށީގެންވާވަރުގެ ބޮޑު ހޯލެއް އެ ދުވަހަށް ނުލިބުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ދަރުބާރުގެ ހޯދުމަށް އެ ޕާޓީން އެދިގެން ނޮވޮންބަރު މަހަށް ލިބިފައި ނުވާ ކަމަށާއި އޭގެ ކުރިން އެ ވަރުގެ ބޮޑު ޖާގައެއް އެހެން ތަނަކުން ވެސް ލިބިފައިނުވާ ކަމަށެވެ.

"ގައުމީ ޖަލްސާ ފަސް ކުރުމަށް ނިންމެވީ އެކަށީގެންވާ ޖާގައެއް އަޅުގަނޑުމެނަށް ނޮވެމްބަރު މަހު ނުލިބުނީމާ. ދަރުބާރުގެ ހޯދުމަށް ސިޓީ ލިޔެގެން ވެސް ދަރުބާރުގެ ލިބޭގޮތް ނުވެފައި ވަނީ. އެހެންވީމާ އެކަށީގެންވާ ތަނެއް ހޯދެނީ ޖަނަވަރީ މަހު ކަމަށް ވާތީ އަޅުގަނޑުމެން ކައުންސިލުން އެގޮތަށް ނިންމެވީ. ދަރުބާރުގެ ވެސް ލިބޭނެ ކަމަށް އަޅުގަނޑުމެނަށް މިހާރު އޮތީ ލިޔުމަކުން އަންގަވާފައި." ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ގައުމީ ޖަލްސާ ފަސްކުރުމާ ގުޅިގެން އެ ޕާޓީގެ ގޮފި އުފައްދަން ހުށަހެޅުމުގެ ފުރުސަތު ވެސް ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ހަމަ އެއާކު ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އިސްލާހް ހުށަހެޅުމުގެ މުއްދަތު އަންނަ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހަށް މުއްދަތު ވަނީ އިތުރުކޮށްފައި ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ގައުމީ ޖަލްސާ ފުރަތަމަ ބޭއްވުމަށް ނިންމީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހަށް އެ ޖަލްސާ އެ ފަހަރު ފަސްކުރީ ގައުމުގެ ހާލަތު އޮތް ގޮތުން ކަމަށް ބުނެ އެވެ.