31 Oct 2012, 12:47
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ރައްޔިތުން ދައްކާ ރިވެތި މިސާލާއި އިސްލާމީ އުޞޫލު އުފަލާ އެކު ފާހަގަ ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ނެރުއްވާފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ މޫސުމަށް އަންނަ ބަދަލުގެ ނޭދެވޭ އަސަރާ އިންތިހާއަށް ކުރިމަތިލުމަށް މަޖުބޫރުވެފައިވާ މިރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ލިބިގެންދާ މިހިތާމައިގައި ރާއްޖޭގެ ރައްޔިތުންނާ އެކުވާ ކަމަށެވެ.
"މިއެންމެހާ ގެއްލުންތަކަށް ވުރެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ނަފްސާ ގެދޮރާއި މުދަލަށް މީގެ އަސަރު ނިހާޔަތަށް ފޯރާފައިވުމެވެ. އަދި ވަކިން ހއ. ހޯރަފުއްޓާއި ބާރަށާއި ހަނިމާދޫ އާއި އައްޑޫ ސިޓީގެ ހުޅުދޫ އާއި ފޭދޫ އަދި ޏ. ފުވައްމުލަކަށް ލިބުނު ގެއްލުން އެތައްގުނައަކުން ބޮޑުކަން ފާހަގަވެ އެވެ." ރައީސް ނަޝީދުގެ ބަޔާނުގައިވެ އެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ވަރަށް މޫސުންގޯސްވެ ވަރަށް ބޯކޮށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ވިއްސާރާގައި ބައެއް ރަށް ރަށުގައި ފެންބޮޑުވެ އެމީހުންގެ ގެދޮރަށައި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީވެފަ އެވެ.