ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ދިރާގަށް ދައްކަން ޖެހޭ ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ބިލެއް ނުދެއްކުމުން ހޮސްޕިޓަލުގެ ނެޓްވޯކް ކަނޑާލައިފި އެވެ.

ގަމު، ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ފާތުމަތު ފަރިއްޔާ ވިދާޅުވީ ހޮސްޕިޓަލުގެ ނެޓްވޯކް އަޅައިދިން ދިރާގަށް އެ ހޮސްޕިޓަލުން ދައްކަން ޖެހޭ 600،000 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާގެ ބިލެއް އެބައޮތް ކަމަށާއި އެ ފައިސާ ދެއްކުމަށް ދިރާގުން ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ. އަދި އެ ބިލް ކްލިއާ ކޮށްދިނުމަށް ހެލްތު މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށް ވެސް ފަރިއްޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީން އަންގަނީ ހޮސްޕިޓަލުން އެބިލު ކްލިއާ ކުރުމަށް ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނެ ވަރަށް ހޮސްޕިޓަލް ބަޖެޓްގައި ފައިސާ ނެތް ކަމަށާއި މިހާރު ވެސް ދެކޮޅުނު ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތް ލައްކައާ ކައިރީ ކުރާ ވަރުގެ ބިލެއް އެބައޮތް. ހެލްތުން އެ ފައިސާ ދެއްކުމަށް އެދުމުން އެބޭފުޅުން މިހާރު ވިދާޅު ވަނީ ހޮސްޕިޓަލުން ދެއްކޭ ވަރަކުން ދައްކާށޭ. އަޅުގަނޑުމެން ވެސް މިއުޅެނީ ވަރަށް ދަތިކޮށް ކިހިނެއްތޯ އެ ފައިސާ ދައްކާނީ،" ފަރިއްޔާ ވިދާޅުވި އެވެ.

ދިރާގަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން މި މަހުގެ 17 އިން ފެށިގެން އެ ރަށު ހޮސްޕިޓަލުގެ ފޯނު ލައިން ވަނީ ކަނޑާލާފަ އެވެ. އަދި މިއަދު ހެނދުނު ވަނީ އިންކަމް ވެސް ކަނޑާލައިފަ އެވެ.

ފަރިއްޔާ ވިދާޅުވީ ބޮޑު ހޮސްޕިޓަލެއްގެ ފޯން ލައިންތައް ކަނޑާލުމުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި އެމްބިއުލާންސްގެ ޚިދުމަތް ވެސް އާންމުންނަށް ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީން އިންސްޓޯލްމަންޓަށް ދައްކާ ގޮތަށް ލިޔުމެއް ދިނަސް ލައިން ގުޅައިދޭނެ ކަމަށް ދިރާގުން ބުނެފައިވާ ކަމަށެވެ.

"މިނިސްޓްރީން ބުނީ ދިރާގުން އެހެން ބުނި ކަމުގެ ލިޔުމެއް ފޮނުވާށޭ. އެހެންވެ އެ ލިޔުން މިހާރު އަޅުގަނޑުމެން ފޮނުވާފައިވަނީ،" ފަރިއްޔާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.