31 Oct 2012, 12:12
އިސްތިއުފާ ދޭން އެޕަލްގެ އައިފޯން ސޮފްޓްވެޔަރ ޑިވެލޮޕްމަންޓް ބައިގެ ވެރިޔާ ސްކޮޓް ފޮސްޓާލްއަށް އެންގުމުން އޭނާ އެ މަގާމުން އިސްތިއުފާ ދީފިއެވެ. އިސްތިއުފާ ދޭން އޭނާއަށް އެންގީ އެޕަލްގެ މެޕިންގ އެޕްލިކޭޝަނުގައި ދިމާވި މައްސަލަތަކާ ގުޅިގެން މައާފަށް އެދިފައިވާ ސިޓީއެއްގައި ސޮއިކުރާން އޭނާ ދެކޮޅު ހެދުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޯލްސްޓްރީޓް ޖާނަލްގައި ވާ ގޮތުން ސިޓީގައި ސޮއިކުރާން ސްކޮޓް ފޮސްޓާލް ދެކޮޅު ހެދިހެދުމަކީ އޭނާ އާއި އެ ކުންފުނީގެ އެހެން ވެރީންނާ ދެމެދު އެންމެ ފަހުން ކުރިމަތި ވި ނުތަނަވަސްކަމުގެ އަސްލެވެ. އެޕަލް ކުންފުނީން މިހާރު ވަނީ ސްކޮޓް ފޮސްޓާލް އޭނާގެ މަގާމުން އިސްތިއުފާ ދީ، އަންނަ އަހަރު އެ ކުންފުނީން މުޅީން ވަކި ވާނެކަން އިއުލާން ކޮށްފައެވެ. މިހާރުން ފެށިގެން ކުންފުނީން ވަކިވުމާ ހަމަޔަށް ފޮސްޓާލް މަސައްކަތް ކުރާނީ، ކުންފުނީގެ ސީ.އީ.އޯ ޓިމް ކުކްގެ މުޝީރެއްގެ ގޮތުންނެވެ.
އައިފޯން އައި.އޯ.އެސް 6 އަށް އަޕްގްރޭޑް ކުރި އިރު، ގޫގުލް މެޕްގެ ބަދަލުގައި އެޕަލް މެޕިންގ އެޕްލިކޭޝަން ބޭނުން ކުރާން ނިންމި ނިންމުމަކީ ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެގެން ދިޔަ ކަމެކެވެ. އެޕަލް މެޕިންގ އެޕްލިކޭޝަނަކީ ގޫގުލް މެޕަށް ވުރެ އެތައް ގުނައެއް ދަށް އެޕްލިކޭޝަނެއް ކަމަށް ޚަބަރު ލިބެއެވެ.
ކޮމްޕިއުޓަރވޯލްޑް ބްލޮގުގައި ވާ ގޮތުން، އެޕަލް މެޕިންގ އެޕްލިކޭޝަން ހަގީގަތުގައި އެހާ ގޯހެއް ނޫނެވެ. އެހެން ނަމަވެސް އެ އެޕްލިކޭޝަނަކީ އަދި އެންމެ ރަނގަޅަށް ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަނެއް ނޫނެވެ. ސްކޮޓް ފޮސްޓާލްގެ މައްސަލައަކަށް ވީ ގޫގުލް މެޕްގެ ބަދަލުގައި އެޕަލް މެޕިންގ އެޕްލިކޭޝަން ބޭނުން ކުރާން ފެށުމުން ބައެއް ސަރަހައްދުތަކުގެ ތަފްސީލީ މައުލޫމާތު ނުލިބުން ފަދަ މައްސަލަތައް ކުރިމަތިވާނެކަމާ މެދު ހޭލުންތެރިކުރުމުގެ ގޮތުން އަޅާން ޖެހޭ ފިޔަވަޅުތައް ނާޅައި ހުރުމެވެ.
އެޕަލްގެ ސީ.އީ.އޯ ޓިމް ކުކް ވަނީ އެޕަލް މެޕިންގ އެޕްލިކޭޝަންގެ މައްސަލަތައް ހައްލު ކުރެވި، ވަރަށް އަވަހަށް ކަސްޓަމަރުންނަށް ލިބޭނެކަމަށް ބުނެފައެވެ.
"މިއީ ހުރިހާ ކަސްޓަމަރުންނަށް އެޑްރެސްކޮށް އަހަރެން ފޮނުވާ ސިޓީއެއް، އަހަރެމެން އެޕަލްއިން މަސައްކަތް ކުރަނީ އަބަދުވެސް ކަސްޓަމަރުންނާ ހަމަޔަށް އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް ގެނެސްދެވޭތޯ. މިދިޔަ ހަފްތާގައި އަހަރެމެންގެ މެޕިންގ އެޕްލިކޭޝަން ލޯންޗު ކުރެވުނީ. މި ފަހަރު އަހަރެމެންގެ ކަސްޓަމަރުންނަށް މި ދެވުނީ އެންމެ ރަނގަޅު ހަދިޔާއެއް ނޫން. މީގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވި އުނދަގޫތަކާއި ނުތަނަވަސްކަމާ މެދު އިންތިހާއަށް ދެރަވަން. އަހަރެމެން މިދަނީ މެޕިންގ އެޕްލިކޭޝަން ރަނގަޅު ކުރުމަށް ޓަކައި ކުރެވޭން ހުރި ހުރިހާ ކަމެއް ކުރަމުން. ގިނަ ކަސްޓަމަރުން އަހަރެމެންގެ މެޕިންގ އެޕްލިކޭޝަން ބޭނުން ކުރި ވަރަކަށް އެ އެޕްލިކޭޝަން ރަނގަޅު ކުރެވޭނީ. އަދި ކަސްޓަމަރުންގެ ފަރާތުން މިހާތަނަށް ލިބުނު ޚިޔާލުތަކާއި ޝަކުވާތައް ވަރަށް ޝުކުރުވެރިކަމާ އެކު ބަލައިގަންނަން." އެޕަލްއިން ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި ގޯހެއް ހެދިއްޖެކަމަށް އިއުތިރާފުވަމުން ޓިމް ކުކް މީޑިޔާގައި ބުންޏެވެ.
އެޕަލް އިން ވަނީ އެޕްރީލް މަހު އެޕަލްގެ ސްޓޯރުގައި ރީޓެއިލް އެގްޒެކެޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރާން ފެށި، އިނގިރޭސި ވިލާތުގެ ޖޯން ބްރޮވެޓް ވެސް ކުއްލި ގޮތަކަށް ވަޒީފާއިން ވަކިވީކަން އިއުލާން ކޮށްފައެވެ.